ޚަބަރު

މިއަހަރު ޖީއެމް ފޯރަމްގައި 40 ކުންފުންޏަކުން 100 ބައިވެރިވެރިން


މި އަހަރުގެ ޖެނެރަލް މެނޭޖަރ ފޯރަމްގައި 40 ކުންފުންޏަކުން 100 ފަރާތުން ބައިވެރިވާނެކަމަށް ހޮޓެލިއަރ މޯލްޑިވްސްއިން ބުނެފިއެވެ.

ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޖީއެމް ފޯރަމަކީ ރާއްޖޭގައި އޮޕަރޭޓުކުރާ ޓޫރިސްޓް ހޮޓާތަކާއި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނަށް ޚާއްސަކޮށްގެން، ބާއްވާ ފޯރަމެކެވެ. މިއަހަރުގެ ފޯރަމް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.

އެއްދުވަހަށް ކުރިޔަށްދާ މި ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާގުޅުން ހުރި ތަޖުރިބާކާރުން ބައިވެރިވާނެކަމަށް ހޮޓެލިއަރ މޯލްޑިވްސް އިން ބުނެއެވެ.
މި އަހަރުގެ ފޯރަމްގައި ބައިވެރިވާ ބައެއް ކުންފުނިތަކުގެ ތެރޭގައި ކޮކޯ ކަލެކްޝަން، ލިލީ ހޮޓެލްސް، ކޮންސްޓެންސް ހޮޓެލްސް އެންޑް ރިސޯޓްސް، ފެއަރމައުންޓް ހިމެނެއެވެ. އަދި މީގެ އިތުރުން ޖުމެއިރާއާއި، އަދާރަންގެ ޔުނިވަރސަލް ރިސޯޓްސް އާއި ކުރައުން އެންޑް ޗަންޕާ ރިސޯޓްސް ހިމެނެއެވެ.

2016ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ފޯރަމުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މިދާއިރާގެ ފަރާތްތައް އެއްތަނަކުން ބައްދަލުވެ އެކަމާއިމެދު މަޝްވަރާ ކުރުމެވެ.

މިފަހަރު ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތަކާއި، ޑެސްޓިނޭޝަން މާކެޓްކުރުމާއި، ހޮޓާތަކަށް ފައިދާ ހޯދާނެ އިތުރު ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމުގެ ތެރެއިން ޕެނަލް ޑިސްކަޝަންތަކާއި، ފަތުރުވެރިކަމުގެ ތަޖުރިބާކާރު ބޭރުގެ ފަރާތްތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅައިދޭނެއެވެ.

މިދިޔަ އަހަރުގެ ޖީއެމް ފޯރަމް ބާއްވާފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ. މިދިޔަ އަހަރުގެ ފޯރަމްގައި އެކިއެކި ކުންފުނިތަކުން 68 ޖެނެރަލް މެނޭޖަރުންނާއި، 97 ޑެލިގޭޓުން ބައިވެރިވެފައިވާއިރު 21 ބްރޭންޑެއް ވަނީ ބައިވެރިކޮށްފައެވެ.