މާލޭގައި ވިޔަފާރި މުދާ އުފުލާ ވަގުތުތަކަށް ގެނައި ބަދަލާއެކު އެއްވެސް ބާވަތެއްގެ ޚިދުމަތެ، މުދަލެއްގެ އަގު ބޮޑުކުރުމަށް ސަރުކާރުން ފުރުސަތެއް ނުދޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ ސަރުކާރުން މިދަނީ 40 އެތައް އަހަރެއް ވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ގެންނަމުންކަމަށާ ރައްޔިތުންނަށް ދަތިވެފައިވާ މިފަދަ ބޮޑެތި ކަންކަން ޙައްލުކުރުމަށް އަޅާފިޔަވަޅުތަކުގެ ސަބަބުން ދިމާވާ ކަންކަން ޙައްލުކުރުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެކަމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވީ މުދާ އުފުލާ ވަގުތުތަކަށް ގެނައި ބަދަލާ ގުޅިގެން މުދަލާއި ޚިދުމަތުގެ އަގު ބޮޑުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
މުދާ އުފުލާ ވަގުތުތަކަށް ގެނައި ބަދަލާ ގުޅިގެން، އެމްޕީއެލް ސަރަޙައްދުގައި މަސައްކަތްކުރާ މަޖޫރީން ކުރިން މަސައްކަތް ކުރަމުން އަންނަ އަގު ބޮޑުކުރުމާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަޖޫރީންނަށް މިކަމާ ގުޅިގެން ޚިދުމަތުގެ އަގުބޮޑުކުރުމުގެ ފުރުސަތެއް ނެތްކަމަށެވެ. އަގުބޮޑުކޮށް މަސައްކަތް ކުރާ ނަމަ އެ މީހުންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުން އެޚިދުމަތް ދީގެންވެސް ޚިދުމަތް ދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި މުދާ އުފުލުމުގެ ވަގުތުތަކަށް ސަރުކާރުން ގެނެސްފައިވާ ބަދަލާއެކު ޢަމަލުކުރަން ފަށާފައިވާ އާ އުސޫލަށް އާދިއްތަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.
އާ ބަދަލާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އާދިއްތަ ދުވަހުންފެށިގެން މާލޭގެ މަގުތަކުގައި މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކަން ހާމަކޮށްފައެވެ.
ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކުރިނަމަވެސް ކައްކަން ބޭނުންކުރާ ގޭސް ދުވާލުގެ ބައެއް ވަގުތަކުގައި ޑެލިވަރީކުރުމުގެ ހުއްދަވަނީ ދީފައެވެ.
އެގޮތުން ދުވާލު ގޭސް ޑެލިވަރީ ކުރެވޭނީ ހެދުނު 8:30 މެންދުރު 11:00 އާ ހަމައަށެވެ. އަދި ރޭގަޑުވެސް ގޭސް ޑެލިވަރީކުރެވޭނެކަމަށްވެސް ޓްރާންސްޕޯރޓް އޮތޯރިޓީން ބުނެއެވެ. އެގޮތުން ހަވީރު 6:00 ހެނދުނު 6:00 ކައްކަން ބޭނުންކުރާ ގޭސް ޑެލިވަރ ކުރެވޭނެއެވެ.