ޚަބަރު

ދައުލަތަށް 74 މިލިއަން ރުފިޔާ ދައްކަން އަދީބަށް އަންގައިފި


ނަސަންދުރަ ޕެލެސް ހޮޓާ ހިންގުމުގެ އެއްބަސްވުން ޤަވާޢިދާ ޚިލާފަށް ބަދަލުކުރި މައްސަލައިގައި 74 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތައް ދެއްކުމަށް ފިނޭންސްމިނިސްޓްރީން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބް ޢަބްދުލްޣަފޫރަށް އަންގައިފިއެވެ.
ނަސަންދުރަ ޕެލެސް ހޮޓެލްގެ މައްސަލަބަލައި ނިންމައި އެންޓިކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓާ ހަވާލާދީ ފިނޭންސް މިނިސްޓްރީން މާޗް 28 ވަނަ ދުވަހު އަދީބަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ނަސަންދުރަ ހިންގުމަށް 2010 ވަނަ އަހަރު ގެލެކްސީ އެންޓަޕްރައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކުވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި އެއެއްބަސްވުން އުވާލާފައިވާނީ ޤަވާޢިދާ ޚިލާފަށްކަމަށެވެ.
އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފީގެގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދާފައި ނުވާކަމަށާ، މި އެއްބަސްވުމުގައި ލީސްހޯލްޑް ރައިޓްސް ގަނެފައިވާ އެން.ޕީ.އެޗް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކަށް އަހްމަދު އަދީބު ފިނޭންސް މިނިސްޓަރު ކަމާ ހަވާލުވެ ހުންނަވައިގެން އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް 50 އަހަރުގެ އެއްބަސްވުމަކަށްއަލުން ދިޔަކަމަށެވެ.
މިކަމުގެ ސަބަބުން ދައުލަތަށް، ހަތްދިހަ ހަތަރު މިލިޔަން ސޯޅަހާސް ރުފިޔާގެ ގެއްލުންވެފައިވަނީ، ފިނޭންސް މިނިސްޓަރުގެ މަޤާމާ ޙަވާލުވެ ހުންނަވައިގެން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަދީބު ޢަމަލު ކުރެއްވުމުގެސަބަބުން ކަމަށް އޭސީސީގެ ތަހުޤީޤު ރިޕޯޓުގައި ހިމަނާފައިވާކަމަށްވެސް ބުނެފައިވެއެވެ. މިކަމުގައި އަދީބު ޒިންމާވާން ޖެހޭނެ ކަމަށް ބަލައި މާލިޔަތު ޤާނޫނުގެ 78 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ޖޫރިމަނާގެ ގޮތުގައި ހަތްދިހަ ހަތަރު މިލިޔަން ސޯޅަ ހާސް ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގާފައެވެ. މި ފައިސާ ނުދައްކައިފި ނަމަ ޤާނޫނުތަކާ އެއްގްތްވާ ގޮތުގެމަތީން ފިޔަވަޅު އެޅުމައްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަންވެސް މިސިޓީގައި ވަނީ އަދީބަށް އަންގާފައެވެ.