ޚަބަރު

ދުވާލު މުދާ އުފުލުން މަނާކުރުމާ ގުޅިގެން މުދަލުގެ އަގުބޮޑުކުރާނަމަ ފިޔަވަޅުއަޅާނަން - އިކޮނޮމިކް މިނިސްޓްރީ


ދުވާލުގެ ވަގުތުތަކުގައި މާލެތެރޭގައި ވިޔަފާރި މުދާ އުފުލުން މަނާކުރުމާ ގުޅިގެން ވިޔަފާރިތަކުން މުދަލުގެ އަގު ބޮޑުކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރީން ހާމަކޮށްފިއެވެ.
އެމިނިސްޓްރީން ކޮށްފައިވާ ޢިއުލާނެއްގައިވަނީ މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމާއި ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބޭނުންކުރާ ސްކޫލްކުދިންނާއި ބެލެނިވެރިންނާއި ޢާއްމު ރާއްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެގޮތުންކަމަށެވެ. މިބަދަލާ ގުޅިގެން، ވިއްކާ މުދަލުގެ އަގު ބޮޑުކުރާނެކަމަށް ބައެއް މީޑިއާތައް މެދުވެރިކޮށް ޚަބަރުފަތުރަމުންދާކަމަށާ، އެހެންނަމަވެސް މިއީ މުދަލުގެ އަގުބޮޑުކުރަންޖެހޭފަދަ ބަދެއްނޫންކަމަށެވެ. އެހެންކަމުން މިބަދަލުގެ ސަބަބުންކަމަށްބުނެ މުދަލުގެ އަގު ބޮޑުކުރާނަމަ އެމިނިސްޓްރީން އެފަދަ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
އާބަދަލާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އާދިއްތަ ދުވަހުންފެށިގެން މާލޭގެ މަގުތަކުގައި މުދާ އުފުލޭނީ ހަވީރު 6:00 އިން އިން ހެނދުނު 6:00 އަށް ކަން ހާމަކޮށްފައެވެ.
ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކުރިނަމަވެސް ކައްކަން ބޭނުންކުރާ ގޭސް ދުވާލުގެ ބައެއް ވަގުތަކުގައި ޑެލިވަރީކުރުމުގެ ހުއްދަވަނީ ދީފައެވެ.
އެގޮތުން ދުވާލު ގޭސް ޑެލިވަރީ ކުރެވޭނީ ހެދުނު 8:30 މެންދުރު 11:00 އާ ހަމައަށެވެ. އަދި ރޭގަޑުވެސް ގޭސް ޑެލިވަރީކުރެވޭނެކަމަށްވެސް ޓްރާންސްޕޯރޓް އޮތޯރިޓީން ބުނެއެވެ. އެގޮތުން ހަވީރު 6:00 ހެނދުނު 6:00 ކައްކަން ބޭނުންކުރާ ގޭސް ޑެލިވަރ ކުރެވޭނެއެވެ.