ޚަބަރު

ތަރައްޤީގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ މޫސުމީ ބަދަލުތަކުން ކުރާއަސަރު ކުޑަކުރަން ވިސްނައިގެން - ރައީސް


ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް އިސްކަންދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، އެކިގައުމުތަކުން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ޑިޕްލޮމޭޓުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެކި ޤައުމުތަކުން އދ.އަށް ކަނޑައަޅާފައި ތިއްބަވާ ސާދަ ޤައުމެއްގެ ޑިޕްލޮމޭޓުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި، ބޭރު ދުނިޔެއިންވެސް ޤަބޫލުކުރާ އަދި މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާބެހޭ މަޢުލޫމާތު ވަފުދުގެ ބޭފުޅުންނާ ޙިއްޞާކުރައްވާފައެވެ. ރާއްޖޭގެ ސިނާޢީ އެކި ދާއިރާތަކުގައި ގެންގުޅެނީ ތިމާވެއްޓާ ރަށްޓެހި ދެމެހެއްޓެނިވި އުޞޫލުތަކެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް އިސްކަންދީގެންކަމަށެވެ. މީގެ ތެރޭގައި ދާ އަޅައިގެން މަސްވެރިކަން ނުކުރުމާއި، ރިސޯޓްތަކާއި އެކި މުއައްސަސާތައް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ ވެރިކަމުގެ ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ބޮލަކަށްޖެހޭ އާމްދަނީގެ މިންވަރު ދެގުނައަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އުޖާލަކަމުގައި ރައީސް ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ރައްޔިތުންގެ ހުވަފެންތައް ހަޤީގަތަކަށް ހެއްދެވުމަށް ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައި ސާސްކަފުގެ 8 ލަނޑުދަނޑީގެ ތެރޭގައި ހިމެނޭ 5 ލަނޑުދަނޑިއެއް ރާއްޖެއިން ހާޞިލު ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި، މީގެ 20 އަހަރު ނުވަތަ 15 އަހަރު ކުރިޔާއަޅާ ބަލާއިރު ރައްޔިތުން ބޭނުންވާ ކަންތައްތައް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައިކަމަށާއި، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ރާއްޖެ މިވަނީ ތަފާތު އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދާ ހަލުވި ކަމާއެކު ތަރައްޤީ ހާޞިލުކޮށްފައި ކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަން ޙާޞިލުކުރުމުގައި އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމެއް ހޯއްދަވައިދެއްވުން ހިމެނޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ތިމާވެށީގެ ގޮތުން ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ އެކަންއެކަން އދ.ގެ ސަފީރުންނާ ޙިއްސާކުރައްވަފައެވެ. އެގޮތުން ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިވަނީ ކަނޑުގެ ބޮޑު ސަރަޙައްދެއްގައި އަތުރާލެވިފައިވާ ކުދި ކުދި އެތަށް ޖަޒީރާ ރަށްތަކެއްގެ މައްޗަށްކަމަށާއި، ކޮންމެ ރަށެއްގެ އާބާދީއަކީ ނިސްބަތުން ބޮޑު އާބާދީއަކަށް ނުވި ނަމަވެސް ބޮޑެތި އާބާދީތަކެކޭ އެއްފަދައިން ކުދި އާބާދީތަކުގެ ރައްޔިތުންގެވެސް ބޭނުންތަކަކީ ހަމަ އެއް ބޭނުން ތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖެއަށް އަބަދުވެސް ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތާއި، ރާއްޖޭގެ ވަޞީލަތްތައް މަދުވުމާއި، ރާއްޖޭގައި ނާޒުކު ތިމާވެށްޓެއް އޮތުން ހިމެނޭކަމުގައި ވިދާޅުވިއެވެ.
އެމަނިކުފާނުވަނީ ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން ޓެރަރިޒަމުގެ މައްސަލަތަކާއި ރާއްޖޭގެ ބޯޑަރު ހުރަސްކުރުމަށް މަސައްކަތްކުރުން ފަދަ މައްސަލަތައް ކުރިމަތިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ މައްސަލަތައް އެހެން ޤައުމުތަކަށްވެސް ކުރިމަތިވާނެ ކަމަށް ވިދާޅުވެ މިކަންކަން ރާއްޖެއަށް ކުރިމަތިވަނީ އެހެން ޤައުމުތަކާ އަދި ސަރަޙައްދީ ގޮތުން ތަފާތުވުމުންކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރެދާނެކަން ހުރިހާ ޤައުމުތަކަކުންވެސް ޤަބޫލުކުރާނެކަން ފާހަގަކުރައްވާ، މި ތަފާތުތައް ހުރިކަމުގައިވިއަސް ކަންތައްތައް ކުރަންވާނީ ހަމަހަމަކަމާއެކު ޢާއިލާއެއްގެ މެންބަރުންގެ މެދުގައި ކަންތައްތައް ކޮށްދޭ އުޞޫލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި ރާއްޖެއިން ވަނީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާމަންކަން ކުރައްވައި، ޔޫ.އެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ވިދިވިދިގެން ދެ އަހަރު ކާމިޔަބުކުރައްވާފަކަމުގައި ވިދާޅުވެ އެކަމުގެ ތަފްސީލް ހިއްސާކުރެއްވިއެވެ. މިގޮތުން ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަށް ރައްކާތެރިކުރުމަށާއި، އަދި ތިމާވެށީގެ މައްސަލަތަކުގެ އަޑު އުފުލާ، ތިމާވެށީގެ މައްސަލަތައް އެންމެ ކައިރިން ބަލަމުންދާ އެއް ޤައުމުކަން، މިކަންތައްތަކުންވެސް މުޅިދުނިޔެއަށް ސާބިތުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙުގެ މަޢުލޫމާތު ބޭރުގެ ޑިޕްލޮމޭޓުންނާ ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާޖޭގައި ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގެންނެވީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާފަދަ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުންކަމަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރިނަމަވެސް އޭރުވެސް ރާއްޖޭގައި އޮތީ ކާފިއު އެއްނޫކަމަށާއި، މި ކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި، އާންމުކޮށް ދެވޭ ޚިދުމަތްތަކަށް އެއްވެސް ވަރަކަށް ބުރޫ އަރާފައި ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ހުރިހާ ދިވެހި ރައްޔިތުންނަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެއިތުރުން، ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އދ. އަށް ކަނޑައަޅާފައި ތިއްބެވި ޑިޕްލޮމޭޓުން ވަނީ ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިމަތިވާ ގޮންޖެހުންތައް އެ ޤައުމުތަކުން ބަލައިގަންނަކަމުގައި ވިދާޅުވެފައެވެ. އަދި، މި ސަރުކާރުގެ ސިޔާސީ އަދި އިޤްތިޞާދީ ތަސައްވުރަށް އެ ޤައުމުތަކުން ތާޢީދުކުރައްވާކަން ޑިޕްލޮމޭޓުން ފާހަގަކުރައްވާފައިވެއެވެ.