ޚަބަރު

ތަރައްޤީއަށް ހުރަސްއަޅާނަމަ ފުލުހުންގެ އެހީއާއެކު ވިޔަސް މަޝްރޫޢުތައް ހިންގާނަން - ޑރ. މުޢިއްޒު


ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އިދިކޮޅު ފަރަތްތަކުން ހުރަސްއަޅާނަމަ އެލްޖީއޭއާއި ފުލުހުންގެ އެހީތެރިކަމާއެކުވިޔަސް އެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެންވިދާޅުވީ ހއ.ދިއްދޫ މަގު ހެދުމުގެ މަޝްރޫޢު ހުއްޓުމަކަށް ގެނައުމަށް އެރަށުގެ އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ހައުސިންގ މިނިސްޓަރ ވިދާޅުވީ، ދިއްދޫގެ މަގުހެދުމުގެ މަޝްރޫޢު ހުއްޓުމަކަށްގެނެސް، ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އަޅައިގެން ތިބުމުގެ ފުރުޞަތު ނުދީ، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަރމަންޓް އޮތީރިޓީއާއި އެލްޖީއޭއާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމާއެކު އިދިކޮޅު ފަރާތްތައް އެކަހެރިކޮށްފައި ނަމަވެސް ތަރައްޤީ ކުރިއަށް ގެންދާނެކަމަށެވެ.
ދިއްދޫގެ ތަރައްޤީއަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅާކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެފައި ވާއިރު، މިދިޔަ މަހުގެ އަށާރަ ވަނަ ދުވަހު އެލްޖީއޭއިން ވަނީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އެރަށު ކައުންސިލުން މަސައްކަތް ކުރާކަމަށް ބުނެ އެކައުންސިލްގެ ހަތަރު މެންބަރަކު ސަސްޕެންޑް ކޮށްފައެވެ.
އެމް.އާރު.ޑީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ ދިއްދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ދިއްދޫގެ 14 މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިއްދޫގެ އެންމެ ބޮޑު މަގު ފިޔަވައި ހުރިހާ މަގެއްގައި ތާޅު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އަދި މިހާރުކުރިއަށްދަނީ ދިއްދޫ ބޮޑު މަގުގެ ޕޭމަންޓް ހެދުމުގެ މަސައްކަތެވެ.
ހަތަރުހާސް ފަސްސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދިއްދޫ މަގުހެދުމުގެ މަޝްރޫޢަކީ49 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.