ޚަބަރު

ވީއައިއޭ އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް އަވަސްކުރުމަށްޓަކައި މަޝްވަރާކުރައްވައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އާ ޓަރމިނަލްގެ މަސައްކަތް އަވަސްކުރުމަށްޓަކައި ސަޢޫދީ ޢަބިއްޔާގެ ސަރުކާރާއި، ސަޢޫދީ ފަންޑާއެކު ރާއްޖެއިން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރާއި ފިނޭންސް މިނިސްޓަރ ހިމެނޭގޮތަށް ރާއްޖެއިން ސަޢޫދީ އަރަބިއްޔާއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނެވެ. މިދިޔަ މަހުގެ ފަންސަވީހުގައި ސަޢޫދީއަށް ވަޑައިގެންނެވި ވަފުދުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާގެ އިތުރުން ސައުދީގައި ހުންވާ ރާއްޖޭގެ ސަފީރު ޢަބްދުﷲ ހަމީދުވެސް ހިމެނިވަޑައިގަންނަވައެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ސައޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓަރމިނަލްގެ މަސައްކަތް އަވަސްކުރުމަށް ސަޢޫދީ ފަންޑް ފޮރ ޑޮވެލޮޕްމަންޓާއި، ސަޢޫދީ ސަރުކާރާ މަޝްވަރާކުރައްވާފައިވާކަމަށެވެ. އެގޮތުން އާ ޓަރމިނަލްގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލާއެއްގޮތަށް ކުރިއަށް ގެންދިއުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެންމެ ބޮޑު އެއް މަސައްކަތަކީ ޓަރމިނަލްގެ މަސައްކަތްކަމަށާއި، އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން މިހާރު ރާއްޖޭގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. އެއަރޕޯޓް ތަރައްޤީކުރެއްވުމަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާހްކޮށްދެއްވީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އައު ޓަރމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިން ލާދިން ގްރޫޕާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލްގެ ބޮޑުމިނުގައި ހަތްދިހަ އަށްހާސް އަކަ މީޓަރު ހުންނާނެއެވެ. ފަސިންޖަރުން ބޯޓަށް އެރުމަށް ސާޅީސް ގޭޓް ބަހައްޓާއިރު، ތިރީސް އަށް އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ.
ޕެސެންޖަރ ޓަރމިނަލުން ސީދާ މަތިންދާބޯޓަށް ދެވޭ ގޮތަށް އެއިރޯ ބްރިޖް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ 12 ޖެޓީއެއް ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް ނިމޭއިރު ހުންނާނެއެވެ. ޕެސެންޖަރ ޓަރމިނަލް ބިނާކުރެއްވުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސައުދީ ބިން ލާދިން ގްރޫޕަކީ 1930 ވަނަ އަހަރު ފެށިގެން އުމްރާނީ ތަރައްޤީގެ މިފަދަ ބޮޑެތި މަސައްކަތްތައް ކުރަމުން އަންނަ ސައުދީ އަރަބިޔާގެ އެންމެ ބޮޑު ކުންފުންޏެވެ.