ދީން

1000 ޙައްޖު ކޯޓާ ލިބިއްޖެ- އިތުރު ކޯޓާ ލިބޭނެކަމުގެ އުންމީދު ބޮޑު- މިނިސްޓަރ


މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް މިހާރު ލިބިފައިވާ 1000 ކޯޓާގެ އިތުރުން، އިތުރު ކޯޓާ ހަމަޖެހޭނެކަމުގެ އުންމީދު ބޮޑުކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
މިއަހަރު ޙައްޖުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް ބައްލަވާލައްވައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ސަޢޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުގެ މަޢުލޫމާތުދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް މިހާތަނަށް 1000 ކޯޓާލިބިފައިވާކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އިތުރު ކޯޓާތަކެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ޙައްޖުކޯޕަރޭޝަނަށް 600 ކޯޓާދީފައިވާއިރު އަމިއްލަ ކުންފުނިތަކުގެ ތެރެއިން ހުއްދަ ދީފައިވާ ކޮންމެ ކުންފުންޏަކަށް 100 ކޯޓާވަނީ ދީފައެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިއަހަރުވެސް އިތުރުކޯޓާ ލިބުމުން ހަމަޖެހިފައިވާ އުސޫލްތަކާ އެއްގޮތަށް ކުންފުނިތަކަށް އިތުރު ކޯޓާ ދޭނެކަމަށެވެ. މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ހައްޖު ކޯޕަރޭޝަނާއެކު 4 ކުންފުންޏަކަށް ވަނީ ހުއްދަ ދީފައެވެ. އޭގެތެރޭގައި އަލްޙަރްމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ސިސިލްފަރު ޙައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއި، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ސަޢޫދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ޙައްޖާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ބައްދަލުކޮށް މިއަހަރުގެ ޙައްޖުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ބައްލަވާލައްވާ މަޝްވަރާކުރައްވާފައެވެ. ސަޢޫދީ ޢަރަބިއްޔާގައި ޙައްޖާޖީންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ބޮޑެތި އުމްރާނީ ތަރައްޤީ ގެންނަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޙައްޖުގައި ކުރަންޖެހޭ ދަތުރުތަކުގައި ރޭލްގެ ޚިދުމަތް ހަމަޖެއްސުންފަދަ އިންތިޒާމްތައްވެސް ސަޢޫދީ ސަރުކާރުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން މައްކާގެ ހޮޓާތައްވެސް ތަރައްޤީކުރަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރުވެސް ޙައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި ގިނަ ވަގުތު ހޭދަކުރަންނުޖެހޭނެކަމަށާއި ޚިދުމަތް އަވަހަށް ފޯރުކޯށްދިނުމުގެ ގޮތުން ވީއައިޕީ ބަހުގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށެވެ.

"
"މައްކާގެ ހޮޓާތައް މިހާރު ހުރި ފެންވަރަށްވުރެ ތަރައްޤީވަމުން އެދަނީ .އެހެންކަމުން ކުރިއަށްއޮތްތަނުގައި ޙައްޖަށްދިޔުމުގެ އަގަށްވެސް ބަދަލު އައުން އެކަށީގެންވޭ.ރަނގަޅު ޚިދުމަތެއްދޭއިރު އަގުތަކަށްވެސް ބަދަލު އަންނާނެ. މިއަންނަ އަހަރުގެ ގިނަ ދަތުރުތަކަކީ ރޭލްގެ ވަސިލަތް ބޭނުންކޯށްގެން ކުރާ ދަތުރުތައް."
އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރިންނަށް އެއް ހޮޓަލެއްގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށްދާމީހުން ދެ ހޮޓަލެއްގައި ބޭތިއްބުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެއް ހޮޓާ ޙައްޖުކޯޕަރޭޝަންގެ ހަވާލުގައިދާ ޙައްޖުވެރިންނަށް ޚާއްސަކޮށްފައިވާއިރު އަނެއް ހޮޓާ އަމިއްލަ ކުންފުނިތަކުގެ ޙައްޖުވެރިންނަށް ޚާއްސަކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޙައްޖުގެ އަޅުކަމުގައި މައްކާގައި ތިބުމުގެ މުއްދަތު ކުޑަކުރަމަށް މަސައްކަތްކުރަމުންދާކަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިގޮތައް ބަދަލުކުރުމަށް ވިސްނާފައިވަނީ ޙައްޖުވެރިން ގިނަ ދުވަސްތަކެއް ވަންދެން މައްކާގައި މަޑުކުރަން ޖެހުމުގެ ސަބަބުން ބަލިމަޑުކަން ތަޙައްމަކުރަންޖެހޭތީކަމަށެވެ.

"
"މައްކާގައި ތިބޭ ދުވަސްތައް ކުޑަކުރުމަށް މަސައްކަތް މި ކުރަނީ.ޙައްޖަށް މީހުންގެންދާ ފަރާތްތަކާ މަޝްވަރާކޯށްގެން މިކަންތައް އެބަ ކުރަން. ކޮންމެވެސް ވަރަކަށް މުއްދަތު ކުރުވީމަ ދިމާވާނެ ކަންތައްތަކަކީ ޢާއްމު ގޮތެއްގައި ޙައްޖުގައި ދިމާވާ ބަލިމަދުތަކުން ދުރުހެލިވެވޭނެ."
އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 25ން 31ގެ ނިޔަލަށް އިސްލާމިކް މިނިސްޓަރ ސަޢޫދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންނަށް މިނާއާއި ޢަރަފާތުގައި ބޭނުންކުރުމަށް ފެންވަރު ރަނގަޅު ޓެންޓް ހޯދުމަށާއި މިނާގެ ޓެންޓްތަކުގައި ކޮންމެ ޙާޖީއަކަށް އެނދެއް ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމާބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. މީގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް، އައީޑީބީގެ އިސްވެރިންނާ ބައްދަލުކުރައްވައި އައިޑީބީން ވަނީ ވަޤުފު އިމާރާތްތައް ބިނާކުރުމަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރާއްޖެއަށް އެހީތެރިކަން ދެވިދާނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެވެ. އޭގެތެރޭގައި ތަޢުލީމާއި ޞިއްޙީ ދާއިރާ ހިމެނޭކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.