ވިޔަފާރި

މިދިއަ އަހަރު މަސްކިރުވި މިންވަރު ދެގުނަ އިތުރު - މިފްކޯ


މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔައަހަރު އެކުންފުނިންވަނީ ސާޅިސް ފަސްހާހަށްވުރެ ގިނަ ޓަނުގެ މަސް މަސްވެރިންގެ އަތުން ގަނެފައެވެ. މިއީ 2016ވަނަ އަހަރާ އަޅާ ބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ.
ދިވެހި މަސްވެރިން ކުރާ މަސައްކަތަށް އެކަށީގެންވާ އަގެއް ދިނުމަކީ މިފްކޯގެ އެންމެ ބޮޑު އެއް އަމާޒެވެ. އެގޮތުން ވޭތުވެދިޔަ އަހަރު މިފްކޯއިންވަނީ މަސްވެރިންގެ އަތުން 45 ހާހަށްވުރެ ގިނަ ޓަނުގެ މަސްގަނެފައެވެ. މިއީ އަށްސަތޭކަ ފަސްދޮޅަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަހެވެ.
2015ވަނަ އަހަރު މިފްކޯއިން 586 މިލިއަން ރުފިޔާގެ މަސް ގަނެފައިވާއިރު، 2016ވަނަ އަހަރު މި ޢަދަދުވަނީ ދަށަށް ގޮސްފައެވެ. އެގޮތުން 2016ވަނަ އަހަރު މިފްކޯއިން ގަނެފައިވަނީ 548 މިލިއަން ރުފިޔާގެ މަހެވެ. މިފްކޯގެ ސީއީއޯ ޢަދްލީ އިސްމާޢީލް ވިދާޅުވީ މިދިޔަ އަހަރު މިފްކޯއިންވަނީ މީގެ ދެގުނަ އިތުރުކޮށް މަސް ވެރިންނަށް ބޮޑު ޢާމްދަނީއެއް ހޯދައިދީފައިކަމަށެވެ.
މިފްކޯއިން ޕްރޮޑަކްޓްތައް ވިއްކާ ކެޕޭސިޓީ އިތުރުކޮށް، މިހާރު ދުވާލެއްގެ މައްޗައް 65 މެޓްރިކް ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ކެޕޭސިޓީ ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެއްފަހަރާ އެއްލައްކަ ފަންސާސްހާސް މަސްދަޅު ކޭސް ރައްކާކުރެވޭނެ ކެޕޭސިޓީވެސް މިހާރު ޤާއިމުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ވޭތުވެދިޔަ އަހަރުވަނީ ރާއްޖޭގެ ތިން ސަރަޙައްދެއްގައި އިތުރު އައިސް ޕްލާންޓްތައް ޤާއިމުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ރ.އަލިފުއްޓާއި، ތ.ހިރިލަންދުއާއި، ގއ.ދާންދޫއެވެ. އަދި މިހާރުވެސް ގެންދަނީ އިތުރު ތިން ޕްލާންޓްގެ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން މިއަހަރުވެސް އިތުރު ތިން އައިސް ޕްލާންޓްގެ ޚިދުމަތް ފަށާނެކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން އައިސް ޕްލާންޓްތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ފުވައްމުލަކާއި، ބ.ތުޅާދުއާއި ނ.ޅޮއްސެވެ.
މިފްކޯއިން ބުނެފައިވަނީ އެކުންފުންޏަށް ކިރުވާ މަހުގެ 97 އިންސައްތައަކީ އައިސް އަޅައިގެން ގެންނަ މަސްކަމަށެވެ. ނަމަވެސް ބައެއް ދުވަސްވަރު އައިސް ލިބުމުގެ ދަތިކަން ދިމާވަނީ އެކި ދުވަސްވަރު އެކި ހިސާބުތަކުން މަސްބާނާ މިންވަރު އިތުރުވާތީކަމަށެވެ. ނަމަވެސް އަލަށް ހަދާ އައިސް ޕްލާންޓްތަކާއެކު މި މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށްވެސް މިފްކޯއިން ބުނެއެވެ.