ޚަބަރު

ބްރިޖްގެ ފުރަތަމަ ދެތަނބު ގުޅާލައިފި


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މައި ތަނބުތައް އެއް ތަނބު އަނެއް ތަނބާ ގުޅުވާލުމުގެ މަސައްކަތުގެ ދަށުން، ސުޕަރ ސްޓްރަކްޗަރ އިން ގުޅާލެވޭ ފުރަތަމަ ދެތަނބު ގުޅާލައިފިއެވެ.
ބްރިޖްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައި ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުއިޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖްގެ މައި ތަނބުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސުޕަރ ސްޓްރަކްޗަރ އިން ގުޅާލެވޭ ދެތަނބު ރޭގެ ވަގުތެއްގައި ގުޅާލާފައިވާކަމަށެވެ.
އެގޮތުން ރޭ ގުޅާފައިވަނީ ޕިއަރ 22 އާއި ޕިއަރ 23 ކަމަށް މިނިސްޓަރ މުއިޒް ވިދާޅުވިއެވެ. ބްރިޖްގެ ސުޕަރ ސްޓްރަކްޗަރ މާލެއިން ހުޅުލެއަށް ގުޅާލުމުގެ މަސައްކަތް ޖުލައި މަހުގެ 9 ވަނަ ދުވަހަށް މުޅިން ނިންމާލުމަށް މިމަސައްކަތްކުރިއަށްގެންދާ ޗައިނާގެ ކުންފުނިންދަނީ މަސައްކަތްކުރަމުންނެވެ.

މިނިސްޓަރު ޑރ.މުޙަންމަދު މުޢިއްޒުގެ ޓްވީޓް

ބްރިޖްގައި ވެހިކަލެއް ދުއްވާފައި އެންމެ މައި ތަނބާ ހަމަޔަށް ދެވޭ ވަރަށް މޭ މަސް ނިމެންވާ އިރަށް ބްރިޖުގެ ސުޕަސްޓްރަކްޗާ ނިމޭނެކަމަށާއި، އެކީއެކަށް މާލެއިން ހުޅުލެއަށް ކަނެކްޓްކޮށް ނިމޭނީ ޖުލައި މަހު 9 ވަނަ ދުވަހާހަމަޔަށްކަމަށް ހައުސިންގ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ބްރިޖްގެ މަސައްކަތް ކަނަޑައެޅިފައިވާ ތާވާލާއި އެއްގޮތަށް ކުރިއަށްދާކަމަށާއި، ފިނިޝަންގގެ މަސައްކަތް ނިންމައި އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ބްރިޖު މުޅިން ނިމި އެ ބްރިޖް މަތިން މީހުން ދަތުރު ކުރަން ފަށާނެކަމަށް ހައުސިންގ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މާލޭގައި ތިބެގެން ބްރިޖް ފެންނައިރު މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. އެގޮތުން މުޅި ބްރިޖް އޮންންގޮތް ބްރިޖްވިއުއިން ޕްލެޓްފޯމް ސަރަހައްދުގައި ތިބެގެން ބަލާއިރު ވަރަށް ރީއްޗަށް ފެނެއެވެ.