ޚަބަރު

ޣައްޒާ ބޯޑަރު ކައިރީގައި އިސްރާއީލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި


ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒްކޮށް ޣައްޒާގެ ބޯޑަރު ކައިރީގައި އިސްރާއީލުން ދިން ޙަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ޣައްޒާ ބޯޑަރު ކައިރީގައި އިސްރާއީލުން ދިން ޙަމަލާތަކާގުޅިގެން، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ހިތާމަވެރި ޙާދިސާއާ ގުޅިގެން ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.މުޙައްމަދު އާޞިމް ވަނީ ފަލަސްތީންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ރިޔާޟް މަލިކީއަށް މެސެޖެއް ފޮނުއްވާފައެވެ.
ރާއްޖޭގެ ފޮރިންގ މިނިސްޓަރުގެ މި މެސެޖުގައި އިސްރާއީލުގެ އެ ހަމަލާތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި މި ޚަބަރު އައްސަވާފައިވަނީ ފުން ހިތާމައާއެކުގައިކަމަށާއި، ފަލަސްޠީނުގެ ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން މި އަނިޔާވެރި ޙަމަލާގައި ޝަހީދުވި ޢާއިލާތަކަށާއި ފަލަސްތީންގެ ސަރުކާރާއި، އުޚުއްވަތްތެރި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވިއެވެ. އަދި ދިވެހިރާއްޖެއިން ފަލަސްޠީންގެ ސަރުކާރާއި އެޤައުމުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ސާބިތުވެ ތިބޭނެކަމާއި، ފަލަސްޠީނުގެ ޙައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤުވާމީ ދުނިޔޭގައި އަޑުއުފުލުމުގައި ދިވެހިރާއްޖެއިން ކުރާ މަސައްކަތުގައި ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަންވެސް ފޮރިން މިނިސްޓަރު ވަނީ ދެއްވާފައެވެ.