ޚަބަރު

"ޖުމްހޫރިއްޔަތާއި ޒުވާނުން" ފޯރަމް ނިންމާލައިފި


ހދ.ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ "ޖުމްހޫރިއްޔަތާއި ޒުވާނުން" ފޯރަމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ފޯރަމްގައި މަޢުލޫމާތު ޙިއްސާ ކޮށްފައިވަނީ ކުރިމަގައި ޤައުމަށް ފައިދާހުރި ލީޑަރަކަށް ވުމަށްޓައި ޢަމަލުތައް ބަހައްތަންޖެހޭގޮތުގެ މައްޗަށެވެ. މި ފޯރަމްގައި ކުޅުދުއްފުށީގައި ހުންނަ ޔުނިވަރސިޓީއާއި، ކޮލެޖުތަކާއި މަތީސާނަވީއަށް ކިޔަވަމުންދާ ދަރިވަރުންގެތެރެއިން ފަންސާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.
ހޯމް މިނިސްޓްރީގެދަށުން އެކުލަވާލާފައިވާ "ޔޫތް ލީޑަރސް ނެޓްވަރކް" ވައި.އެލް.އެން ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ފޯރަމަކީ މީގެ ހަތަރުވަނަ ފޯރަމެވެ. "ޖުމްހޫރިއްޔަތާއި ޒުވާނުން" މި ފޯރަމަކީ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ފަށައިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގެ މަޤްސަދަކީ އަންނަން އޮތް ޒުވާން ޖީލަށް، ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމާއި، ޒުވާނުންގެ ތެރެއިން ޤައުމަށް ފައިދާހުރި ލީޑަރުން އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 2 ދުވަހުގެ މުއްދަތަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މި ފޯރަމަކީ މިހާތަނަށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ކާމިޔާބު ފޯރަމްކަމަށް ވައި.އެލް.އެން އިން ފާހަގަކުރެއެވެ.
ފޯރަމްގެ ނިންމުން ފާހަގަކޮށް ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަހުގެ މެނޭޖަރ އިބްރާޙިމް މުޙައްމަދު ވިދާޅުވީ ކޮންމެ ކުއްޖަކީވެސް އެކުއްޖަކު ޤައުމަށް އަދާކުރަންޖެހޭ ވާޖުބުތަކުގެމަތީގައި ދެމިހުންނަ ކުއްޖަކަށް ވާންޖެހޭކަމަށެވެ. އެގޮތުން މިފަދަ ފޯރަމްތަކުން ލިބޭ މަޢުލޫމާތުގެ ބޭނުންހިފައި، އަދި މުޖުތަމަޢުގެ އެހެން ފަރާތްތަކަށް ފޯރުކޮށްދީ ޤައުމުބިނާކުރުމުގައި ކޮންމެ ކުއްޖަކުވެސް އިސްނަގަންޖެހޭކަމަށެވެ. އަދި ބައެއް ކުދިންގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކުވަމުންދާ ކަމަށާއި، މި ފޯރަމުން ތަމްރީންވި ކުދިން، ކަންކަމުގައި އިސްނަގައި، ނެތެމުންދާ ރީތި ސިފަތައް އިއާދަކޮށް، ނަމޫނާ ބަޔަކަށް ވުމަށް މަސައްކަތް ކުރަންޖެހޭކަމަށް އިބްރާޙިމް މުޙައްމަދު ވިދާޅުވިއެވެ.
ފޯރަމްގައި ބައިވެރިވި ކުދިން ބުނެފައިވަނީ، އެ ކުދިންނަކީ މުޖުތަމަޢުއަށް ބޭނުންހިފޭ ބަޔަކަށް ވުމަށްޓަކައި، ކުރެވިދާނެ ގިނަ ކަންކަން ފޯރަމްގެ ޒަރިއްޔާއިން ދަސްވިކަމަށެވެ. އަދި ލީޑަރެއް ނުވަތަ އިސްވާރަކަށް ވުމަށްޓަކައި ޢަމަލުތައް ބަހައްޓަންޖެހޭ ގޮތްތަކާއި، އިސްވާރެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ސިފަތައް ދަސްވެގެން ދިޔަކަމަށްވެސް އެމީހުން ބުންޏެވެ.
މި ފޯރަމުގައި މަޢުލޫމާތު ޙިއްސާކޮށްފައިވަނީ "އިސްލާމް ދީނާއި ލީޑަރޝިޕް" މި މަޢުޟޫއާއި، "ޖުމްހޫރިއްޔަތާއި ދިވެހި ތާރީޚް"، އަދި "ޤާނޫނޫގޮތުން އަޙްލާގީ އަދި ސުލޫކީ މިންގަނޑުތައް ހުންނަންޖެހޭ މިންވަރު" އާ ގުޅޭގޮތުންނެވެ.
މިއީ ޔޫތް ލީޑަރސް ނެޓްވޯކުން އިސްނަގައިގެން ބޭއްވި މިފަދަ ހަތަރުވަނަ ފޯރަމެވެ. މި ފޯރަމް މީގެކުރިންވަނީ، މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރު މިފަދަ އިތުރު ފޯރަމްތައް ލ އަތޮޅާއި، ހއ.ހޯރަފުށީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް ވައި.އެލް.އެންއިން ބުނެއެވެ.