ގައިންގަޔަށް އަރާ ބައެއް ބަލިތައް ރާއްޖޭގައި ފެތުރުން މިހާރު މުޅިން ހުއްޓުވާލެވިފައިވިޔަސް އަދިވެސް މިކަމުގައި ސަމާލުވެ ތިބުން މުހިންމުކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ގައިންގަޔަށް އަރާ ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވިފައިވިޔަސް މިސަރަހައްދުގެ އެހެން ޤައުމުތަކުގައި އެބަލިތައް ފެތުރެމުންދާހާހިނދަކު ރާއްޖެއިން އެކަމަށް ސަމާލުވެތިބެން ޖެހޭނެކަން ހެލްތް މިނިސްޓްރީން ފާހަގަކުރެއެވެ.
ޕީ.އެސް.އެމް ނިއުސްގެ މޯލްޑިވްސް ޓުޑޭ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢާއިޝަތު ރަމީލާ ވިދާޅުވީ ޞިއްޙީ ދާއިރާ ތަރައްޤީކޮށް ހަރުދަނާކުރުމަކީ މިސަރުކާރުގެ މައިގަނޑު އަމާޒަކަށްވާއިރު، ވޭތުވެދިޔަ ހަތަރުވަރަކަށް އަހަރުގެ ތެރޭގައި މިކަމަށް މުހިންމު މަސައްކަތްތަކެއްކޮށް، ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. ޞިއްޙީ ދާއިރާގެ ޢުމްރަނީ ތަރައްޤީއާއި އިންސާނީ ވަޞީލަތް ބިނާކުރުމާއި ބަލިތައް ކޮންޓްރޯލްކުރުމުގައި ގިނަ މަސައްކަތްތަކެއްކޮށް މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކުރަމުންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މެލޭރިޔާ، މީސަލްސް ފަދަ ބަލިތައް ރާއްޖެއިން ނައްތާލާފައިވާކަމަށާ، ނަމަވެސް މިސަރަހައްދުގެ އެހެން ޤައުމުތަކުގައި މިބަލިތައް ފެތުރެމުންދާހާ ހިނދަކު އަލުން ރާއްޖޭގައި މިބަލިތައް ފެތުރުމުގެ ފުރުސަތު ނެތްކަމަށް ބަލައިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ސަމާލުވެ ތިބުން މުހިންމުކަން ސްޓޭޓް މިނިސްޓަރ ރަމިލާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ދަތުރުކުރާ ބޭރު ޤައުމުތަކުގެ މީހުން ސްކްރީން ކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން، ޓިއުބަކްލޯސިސް، ޓީބީ އާއި މައިމީހާގެ ކިބައިން ދަރިންނަށް އެޗްއައިވީ ޖެހުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ޑރ.ރަމީލާ ފާހަގަކުރެއްވިއެވެ. ރާއްޖެއިން އަމާޒު ހިފާފައިވަނީ 2022 ގެ ނިޔަލަށް ރާއްޖޭގައި ޓީބީ ފެތުރުން ހުއްޓުވުމަށެވެ. ގައިންގަޔަށް ނާރާބަލިތައް ކޮންޓްރޯލްކުރުމަށްވެސް މިސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުންދަނީ 25 އިން 25އަށް މިނަމުގައި ޚާއްޞަ ކެންޕެއިނެއް ހިންގަމުންނެވެ. މިކެންޕެއިނަކީ ގައިނަގަޔަށް ނާރާބަލިތައްކަމަށްވާ ހަކުރުބަލި، ހައިޕާރޓެންޝަން، ހިތުގެ ބަލިތައް ، ކެންސަރުފަދަ ބަލިތައް ކޮންޓްރޯލްކުރުމުގެ ގޮތުން ޢާންމުންގެ މެދުގައި މިފަދަ ބަލިތައް ޖެހޭ ކަންތައްތަކުން ދުރުހެލިވުމަށް ހޭލުންތެރިކަން އިތުރުކުރަން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.