ވިޔަފާރި

މުދާ ކްލިއަރކުރާ ގަޑިތަކަށް އެމްޕީއެލް އިން ބަދަލުގެނެސްފި


މާލޭ ވިޔާފާރި ބަދަރުން ކުރިއަށްގެންދާ ކާގޯ ކްލިއަރެންސްގެ މަސައްކަތްތަކަށް ބައެއް ބަދަލު ގެނެސްފިއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ މާދަމާއިން ފެށިގެން މުދާ އުފުލާ ގަޑިތަކުގެ އުސޫލަށް ޢަމަލުކުރަން ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓިން ބުނެފައިވަނިކޮށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މާދަމާއިން ފެށިގެން މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކުގެ އިތުރުން ބޮޑެތި މުދާފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ދުވާލުގެ ވަގުތުތަކުގައި އުފުލުން މަނާކޮށްފައެވެ.
އެމްޕީއެލްއިން ބުނީ ކަނޑުމަގުން އަންނަ މުދާ ކްލިއަރކުރުމަށްޓަކައި، ޑެލިވަރީ އޯޑަރ ނޯޓްކުރެވޭނީ ހެނދުނު 8:00 އިން މެންދުރު 13:00 އަށް ކަމަށް. އަދި މުދާ ކްލިއަރކުރެވޭނީ ހެނދުނު 11:00 އިން އިންފެށިގެން ރޭގަނޑު 21:00 އަށް ކަމަށެވެ.
އެމްޕީއެލްއިން ބުނީ އެއްގަމު މަގުން ކްލިއަރކުރެވޭ މުދަލަށް ޑެލިވަރީ އޯޑަރ ނޯޓްކުރެވޭނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 11:00 އަށްކަމަށެވެ. އަދި ކޮންޓެއިނަރ މުދާ ކްލިއަރ ކުރުމަށްޓަކައި، ކޮންޓެއިނަރ ކެނޑުމުގެ މަސައްކަތް ފެށްޓޭނީ ހަވީރު 16:00 ގައި ކަމަށެވެ. މީގެ އިތުރުން ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފަށްޓާނީ ހަވީރު 17:00 ގައި ކަމަށެވެ.
މިއާއެކު މުދާ ކްލިއަރކޮށް ބަރުކުރެވޭ އުޅަނދުތަކަށް މަގުމައްޗަށް ނުކުމެވޭނީ ހަވީރު 18:00 އިން ފަތިހު 5:00 އަށް ކަމަށެވެ. ހުކުރު ދުވަހު މުދާ ކްލިއަރކުރެވޭ ގަޑިތަކަށް ބަލާއިރު ކަނޑުމަގުން ކްލިއަރ ކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރު ނޯޓުކުރެވޭނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 20:00 އަށެވެ. އެއްގަމުމަގުން ކްލިއަރ ކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ. ދޯނިފަހަރަށް ބަރު ކުރާ މުދާ ބަރުކުރުމުގެ މަސައްކަތް ކުރިޔަށް ދާނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު21:00 އަށެވެ. ހުކުރު ދުވަހު ކޮންޓެއިނަރ މުދާ ކްލިއަރ ކުރުމަށްޓަކައި، ކޮންޓެއިނަރ ކެނޑުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައެވެ. އަދި ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފަށްޓާނީ ހަވީރު 17:00 ގައެވެ. މިއާއެކު މުދާ ކްލިއަރކޮށް ބަރުކުރެވޭ އުޅަނދުތަކަށް މަގުމައްޗަށް ނުކުމެވޭނީ ހަވީރު 18:00 އިން ފަތިހު 5:00 ގެ ނިޔަލަށެވެ.
އެމްޕީއެލް އިން ބުނީ މިހާރު ކާގޯ ކްލިއަރކުރުމަށް ގެނެސްފައިވާ ބަދަލާއެކު ގަޑިތަކަށް ޑެލިވެރީ އޯޑަރ ނޯޓުކުރުމަށް ސަމާލުކަން ދިނުން މުހިންމުކަމަށެވެ. އަދި ކަނޑައެޅިފައިވާ ގަޑި ފަހަނަޅާދާފަހުން ނޯޓުކުރުމުން ލިބޭ ގެއްލުމަކަށް އެކުންފުންޏަށް ޒިންމާ ނުނެގޭނެކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.