މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 3 - ގާލާ ރައުންޑުގެ ތިންވަނަ ޝޯވ މިރޭ ދައްކައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 9 ބައިވެރިންގެ ވާދަވެރި ހުށައެޅުންތަކަކާއެކު ގާލާ ރައުންޑުގެ ތިންވަނަ ޝޯވ މިރޭ ދައްކައިފިއެވެ.
މިފަހަރުގެ ސީޒަންގެ ގާލާ ރައުންޑުގެ ތިންވަނަ ޝޯވ ޓީ.ވީ.އެމުން ދެއްކީ މިރޭ ދިހަގަޑި ތިރީހުގައެވެ. "ގޯލްޑަން އާޓިސްޓް" ގެނަމުގައި މިރޭގެ ޝޯވއަށް ޙާއްސަ ތީމެއް ކަނޑައަޅާފައިވާއިރު، މިރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ރީތި ހިތްގައިމު ހުށައެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ. މިރޭ ހުށަހަޅާފައިވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ބައެއް ފަންނާނުންނާއި، މިހާރުވެސް މިދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނާނުންގެ ހިތްގައިމު ބައެއް ލަވަތަކެވެ. "ގޯލްޑަން" ލަވަތަކެއްގެ ގޮތުގައި ގިނަބައެއްގެ މަޤުބޫލުކަން ލިބިފައިވާ ލަވަތަކާއެކު މިރޭގެ ޝޯވް ވެގެންދިޔައީ ބެލުންތެރިންގެ ތަރުޙީބު ބޮޑު ޝޯވް އަކަށެވެ.
އެހެން ޝޯވތަކެކޭ އެއްފަދައިން މި ހަފްތާގެ ޝޯވގައިވެސް ވާދަކުރާ ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާގެ ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި ހަފްތާގެ ޝޯވއިން ވަކިވާނެ ބައިވެރިއަކު އިޢުލާންކުރުން އޮންނާނީ މާދަމާރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ.