ޚަބަރު

މަހާ ޖައްރާފުގައި މަސައްކަތްކުރާ %40 މުވައްޒަފުންނަކީ ދިވެހިން - އެމްޓީސީސީ


އެމްޓީސީސީން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި ގެނެސްފައިވާ މަހާ ޖައްރާފުގައި މަސައްކަތްކުރާ %40 މުވައްޒަފުންނަކީ ދިވެހިންކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ ،އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސިން ރާއްޖެ ގެނައި ބިޔަ ކޮންނަބޯޓު މަހާ ޖައްރާފުގައި ކުރިން މަސައްކަތްކުރަމުން އައީ ބިދޭސީންކަމަށްވިޔަސް މިހާރު މި އުޅަނދުގައި މަސައްކަތްކުރާ މުވައްޒަފުންގެ %40 މުވައްޒަފުންނަކީ ދިވެހިންކަމަށް އެމްޓީސީސީން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައިވެސް މި އުޅަނދުގައި ގިނަ ޢަދަދެއްގެ ދިވެހިން މަސައްކަތްކުރުމަކީ އެ ކުންފުޏަށްލިބުނު ކާމިޔާބީއެއްކަމަށެވެ. އަދި އެކުންފުޏީގެ އަމާޒަކީ މަހާޖައްރާފްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުންކަމަށާ، މި އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރާކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. މަހާޖައްރާފުގެ އިސްމަޤާމްތަކުގައިތިބީވެސް ތިބިކަން ޒިޔަތު ފާހަގަކުރެއްވިއެވެ.

"
"މަހާޖައްރާފްގެ ބޭނުންކޮށްގެން މަޝްރޫޢުތައް ފެށިއިރު އޭގައި މުވައްޒަފުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔައީ ބިދޭސީން .އެހެންނަމަވެސް މިހާރު މަހާޖައްރާފްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިވެހިން. އޭގެ ތެރޭގައި ޗީޕް އޮފިސަރ ތާރޑް އިންޖިނިއަރަކީވެސް ދިވެހިން."
އިބްރާހީމް ޒިޔަތު

މަހާޖައްރާފުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްދާ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެމްޓީސީސީން ބަނދެފައިވާ މަހާ ޖައްރާފު ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ކުރިން މެލޭޝިޔާގެ ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރަމުންދިޔަނަމަވެސް މިހާރު ބޮޑަށް އިސްކަންދެނީ ރާއްޖޭގައި ހުރި މަޝްރޫއުތައް ނިންމުމަށްކަމަށެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ރާއްޖޭގައި ހުރި މަޝްރޫޢުތައް ނިންމުމަށްފަހު ބޭރުގެ މަޝްރޫއުތަކާ ޙަވާލުވުމާމެދު ގޮތެއް ނިންމާނެކަމަށްވެސް ޒިޔާތު ވިދާޅުވިއެވ.

"
"ކުރިން މެލޭޝިޔާގެ ކުންފުންޏަކާއެކު މަހާޖައްރާފް ބޭނުންކޮށްގެން ބިންހިއްކުމުގެ ޕްރޮޖެކްޓެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވީނަމަވެސް ރާއްޖޭގައި ހުރި މަޝްރޫއުތައް ކުރިއަށްގެންދިޔުމަށްޓަކައި އެ މަސައްކަތްވަނީ ހުއްޓާލާފަ.އެމްޓީސީސީން އިސްކަންދެނީ ރާއްޖޭގައި ހުރި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް. އެގޮތުން ޕްރައިވެޓް ޕްރޮޖެކްޓްތަކާއި ހަވާލުވާއިރު ވިސްނަނީ ސަރުކާރުގެ މަޝްރޫޢުތަކަށް އިސްކަންދިނުމަށްފަހު.މިއަ ހަރުގެ ނިޔަލަށް ހުރި މަޝްރޫޢުތައް ނިންމުމަށްފަހު ރާއްޖެއަށާއި ކުންފުޏަށް ރަނގަޅު ގޮތެއް ނިންމާނަން"
އިބްރާހިމް ޒިޔަތު

މަހާ ޖައްރާފު ބޭނުންކޮށްގެން އެންމެ ފުރަތަމަ ހިއްކާފައިވަނީ ހދ.ކުޅުދުއްފުށީގައި ހަދާ އެއަރޕޯޓަށް ބޭނުންވާ ބިމެވެ. އެއަށްފަހު ށ.ފުނަދޫގައި ހަދާ އެއަރޕޯޓަށް ބޭނުންވާ ބިންވެސް ހިއްކާފައިވަނީ މަހާޖައްރާފުންނެވެ.
"މަހާ ޖައްރާފު" ބަނދެފައިވަނީ ނެދަލެންޑްސްގެ އައި.އެޗް.ސީއާ ހަވާލު ކޮށްގެން ޗައިނާގެ "ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ" ގެ ބޯޓު ޔާޑުގައެވެ. ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެމްޓީސީސީން ރާއްޖެ ގެނެސްފައިވާ މަހާ ޖައްރާފަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަންހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުރެއެވެ. އަދި މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.