އިންޓަރ ޕާލަމެންޓަރީ ޔުނިއަން އަކީ ވަކިވަކި ޤައުމުތަކަކާމެދު ނުވަތަ ވަކިވަކި ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކާމެދު ފިޔަވަޅުއަޅަން އޮންނަ މުއައްސަސާއެއް ނޫންކަމަށާ، ރާއްޖެއާމެދު އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)އިން ފިޔަވަޅުއަޅަން މަސައްކަތްނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސުވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދިޔަ އައިޕީޔޫގެ 138 ވަނަ ބައްދަލަވުމަށްފަހު ޕީއެސްއެމްނިއުސް އަށް ދެއްވި އިންޓަރވިއުއެއްގައި، މޫސަ ވިދާޅުވީ، ދެހާސް ބާރަވަނަ އަހަރުން ފެށިގެން އިދިކޮޅު ފަރާތްތަކުން ރާއްޖެއާމެދު ތަފާތު މައްސަލަތައް އައިޕީޔޫއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މީގެތެރޭގައި މިހާރު އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ޙަރަކާތްތެރިވާ ބައެއް މީހުން ޢަމަލުކޮށްފައިހުރި ގޮތްގޮތުގެ ރިޕޯޓްވެސް ހުށަހަޅާފައިވާކަމަށެވެ. މޫސަ ވިދާޅުވީ އައިޕީޔޫއަކީ އެއް ފަރާތެއްގެ ވާހަކަތައް އަޑުއެހުމުގެ ބަދަލުގައި ދެފަރާތުގެ ވާހަކަތައް އަޑުއަހައި ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާއެއްކަމަށެވެ. އަދި އައިޕީޔޫގެ މެންޑޭޓްތެރޭގައި ޤައުމުތަކާއި، އެޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކާ މެދު ފިޔަވަޅުއެޅުމެއް ނޯންނަކަމަށާއި، އެމީހުންގެ މަސައްކަތަކަށްވަނީ ދިމާވާ މައްސަލަތަކަށް ހައްލުހޯދައިދިނުންކަމަށްވެސް އޭނާ ވިދާޅުވި.
މޫސަ ވިދާޅުވީ އައިޕީޔޫގެ ރިޕޯޓުގައި، މަޖިލިސް މެމްބަރުނަން މަޖިލީހަށް ވަދެވޭނެގޮތަށް ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ބުނެފައިވާކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުން ތަމްސީލުކުރުމުގައި މަޖިލީހުގައި ވީހާވެސްބޮޑަށް ބައިވެރިވުމަށް ބުނެފައިވާކަމަށެވެ.
"" އައިޕީޔޫއަށް އެބަހުރި ވަރަށް ބައިވަރު ރިޕޯތްތައް ކޮށްފައި، އެއީ ވަރަށް ޢާންމުކަމެއް. 2012 ވަނަ އަހަރުންފެށިގެން ހުށަހަޅާފައިވާ ރިޕޯޓްތައް އެބަހުރި (އައިޕީޔޫއިން ނެރުނު ) މި ދެންނެވި ރިޕޯޓްގައި ވަރަށް ތަފްސީލުކޮށް ޕާލަމެންޓޭރިއަނުންނަށް އެކި ގޮތްގޮތުން ގެއްލުންދޭވާހަކަ. ހަމަ އެގޮތަށް އައިޕީޔޫއިން އެބަ ފާހަގަކުރޭ ކުރީގައި އަބްދުﷲ ރިޔާޟް ފަދަ ބޭބޭފުޅުން ފުލުހުންގެ ތެރޭގައި ތިބިގެން 2012 އަދި 2013 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްކޮށްފައިހުރި އަނިޔާތަކަށް ޙައްލެއް ނުލިބިހުރިކަން. ދެން އައިޕީޔޫ އަކުން މިފަހަރުގެ ރިޕޯޓުގައި އެއްގޮތަކަށްވެސް ވިދާޅުވެފައެއްނެތް އެއްވެސް މެމްބަރަކަށް މަޖިލީހަކަށް ވައްދާކަށް މަޖްބޫރުކޮށްފައެއް."މޫސާ މަނިކު
މޫސަ ވިދާޅުވީ 12 މެމަބަރުންގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ހަޤީޤަތާ ޚިލާފު ވާހަކަތައްދައްކާފައި އޮތުމުގެ ސަބަބުން، ރިޕޯޓްގައި އެއްވެސް މެމްބަރަކަށް މަޖިލީހަށް ނުވަދެވުމަކީ އައިޕީޔޫއިން އެކަމާ ކަންބޮޑުވާ މައްސަލައެއްކަމަށް ބުނެފައިވާކަމަށެވެ. މެމްބަރުންނަށް މަޖިލީހަށް ނުވަދެވުމާއި، ނުވެއްދުމަކީ އެއީ މަޖިލީހުން ކުރާކަމެއްނޫންކަމަށްވެސް މޫސަ ވިދާޅުވިއެވެ.
" މެމްބަރުން އަމިއްލައަށް ނުވަންނަނީ. އަނެއްބައި ކަންތައްތަކުގައި ޤާނޫނީ އިމުގެތެރެއިން އޮންނަ ހުކުމަކުން ނުވަތަ އެހެންވެސްކަމަކުން މެމްބަރަކަށް ޕާލަމެންޓަށް ނުވަދެވުމަކީ ސަރުކާރަކަށް ނުވަތަ ޕާލަމެންޓަކަށް އައިޕީޔޫއިން ބާރު އަޅާކަމެއްނޫން. ދެން ޕާލަމެންޓުގައި ހުރިހާ ޤައުމެއްގައިވެސް މި ބައިވެރިވަނީ އިދިކޮޅުފަރާތްތަކާއި އެއްކޮޅުފަރާތްތައް. މި ފަހަރުވެސް އިިކޮޅުފަރާތްތަކަށް ޕާލަމެންޓުން ފުރުސަތު ދިން. އެހެންނަމަވެސް މިފަހަރު އެބޭފުޅުންނަށް ފަހަރުގަ ހިތްހަމަ ނުޖެހޭނެފަދަ ގޮތަކަށް މި ރިޕޯޓު ނައިސްދާނެތީ ވަޑައިނުގަތީކަމަށްވެދާނެ. އެކަމަކު އަޅުގަނޑު މިތަނުގައި ޕާލަމެންޓް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެމެންގެ ޕާލަމެންޓަށް އެއްވެސް ފަރާތަކުން، އައިޕީޔޫ އަކުންވެސް ފިޔަވަޅުއެޅުމަށް ނާންގާ. "މޫސާ މަނިކު ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ބައެއް ފަރާތްތަކުން އީޔޫ އާއި އައިޕީޔޫ ފަދަ ޖަމާޢަތްތަކަށް ބާރުއަޅައިގެން ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށާއި، ޤާނޫނޫތައް ބަދަލުކުރުމަށް އީޔޫ އާއި އައިޕީޔޫގެ ތެރެއިން ރާއްޖޭގެ ޕާލަމެންޓުގެ މައްޗަށް ނުފޫޒު ގަދަކުރުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށެވެ.
ޖެނީވާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢެވެ.
އައިޕީޔޫން ރާއްޖެއާއި ގުޅޭގޮތުން ނެރުނު ރިޕޯޓާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖެއާބެހޭ ގޮތުން އައިޕީޔޫން ނެރުނު އެންމެ ރަނގަޅު ރިޕޯޓްކަމަށެވެ.