ދީނާއި އަޅުކަން

އިމާމުންނާއި ޚަތީބުންގެ 6ވަނަ ބައްދަލުވުން ކުރިއަށްގެންގޮސްފި


އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތުބައްދަލުވުމުގެ ހަވަނަ ބައްދަލުވުން ބާއްވައިފިއެވެ.

މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހއ. ދިއްދޫގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ހއ. އަތޮޅުން 48 މީހަކު ބައިވެރިވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އިމާމުންނާއި ޚަތީބުންނަކީ މުޖުތަމަޢުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމުން ޒަމާނާ ގުޅުވައިގެން އެމިހުންގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ހޭލުންތެރި ކުރުވުންކަމަށެވެ.

މި ބައްދަލުވުމުގައި ފިޤްހު، ޤްރުޢާން، ދިވެހިބަސް އަދި މޮސްކް މެނޭޖްމަންޓް ފަދަ ބައިތައް ކިޔަވައިދީފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން އެމިނިސްޓްރީން ވަނީ މާލެއާއި އައްޑުއާއި ފުވައްމުލަކު ސިޓީގެ އިތުރުން ލ. އަތޮޅުގައިވެސް އިމާމުންނާއި ޚަތީބުންނަށް ޚާއްސަކޮށްގެން މިފަދަ މަސައްކަތު ބައްދަލުވުންތައް ބާއްވާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ ބައްދަލުވުންތައް ކުރިއަށްއޮތްތަނުގައިވެސް ރާއްޖޭގެ އެކި ސަރަޙއްދުތަކުގައި ކުރިއަށްގެންދާނެކަމަށެވެ.