ވިޔަފާރި

މާވަރުލު އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މިހަފްތާގައި ފަށަނީ


ގދ.މާވަރަލު އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މި ހަފްތާގައި ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރޭކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.

މާވަރަލު އެއަރޕޯޓްގެ ރަންވޭއާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި މަހުގެ ފަނަރަވަނަދުވަހުއެވެ. މި މަސައްކަތް އަގަކީ 57 މިލިޔަން ރުފިޔާއެވެ.

އެމްޓީސީސީގެ ސިއީއޯ އިބްރާހިމް ޒިޔަތް ވިދާޅުވީ މާވަރަލުގެ އެއަރޕޯޓްގެ މަސައްކަތަށް ބޭނުންވާ މެޝިނަރީސްތައް މިވަގުތު ހުރީ ފަރެސްމާތޮޑާގައިކަމަށާއި އެތަކެތި މިހަފްތާގެ ތެރޭގައި މާވަރުލަށް ބަދަލުކުރާނެކަމަށެވެ. އަދި މާވަރުލުގެ އެއާޕޯޓްގެ ޢަމަލީ މަސައްކަތް މިމަސް ނިމުމުގެ ކުރިން ފަށާނެކަމަށާއި އެކުންފުންނާއި ހަވާލުކޮށްފައިވާ ތިން އެއަރޕޯޓްގެ މަސައްކަތް ފަސްމަސްދުވަހުގެ ތެރޭގައި ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

" ކުޅުދުއްފުށީގެ އެއަރޕޯޓްގެ ބޮޑުބައި މިހާރުވަނީ ނިމިފަ. ފުނަދޫ އެއަރޕޯޓަށް ބެނުންވާ މެޝިނަރީސްތައްވެސް އެބަހުރި. މާވަރުލު އެއަރޕޯޓަށް ބޭނުންވާ ސާމާނު ފަރެސްމާތޮޑާގއި އެބަހުރި އަޅުގަނޑުމެން މަސައްކަތް މިކުރަނީ ފަރެސްމާތޮޑާގައި ހުރި މެޝިނަރީސްތައް މިހަފްތާގެ ތެރޭގައި މާވަރަލުއަށް ޓްރާންސްފާކޮށް އަމަލީގޮތުން މި އެއަރޕޯޓްގެ މަސައްކަތް މި ހަފްތާތެރޭގައި ފަށާނެ." ޒިޔަތް ވިދާޅުވިއެވެ.

މާވަރުލު އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 160 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހދ.ކުޅުދުއްފުށީގައި ހަދާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ޖުލައި މަހުގައި ނިންމާނެކަމަށް ބުނެފައިވާއިރު ށ. ފުނަދޫ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި އަހަރުގެ ތެރޭގައި ހދ.ކުޅުދުއްފުށްޓާއި، ށ .ފުނަދޫއާއި ފ.ނިލަންދޫގެ އިތުރުން ގދ.މާވަރުލު ހަދާ އެއަރޕޯޓްގެ މަސައްކަތް އަންނަ ރިޔާސީ އިންތިހާނުގެ ކުރިން ނިންމާ ހުޅުވާނެކަމަށް ސަރުކާރުން ވަނީ ބުނަފައެވެ.