ދުނިޔެ

ދޮގު ޚަބަރު ފަތުރާ ފަރާތްތަކަށް 10 އަހަރުގެ ޖަލު ޙުކުމެއް!


ދޮގު ޙަބަރު ފަތުރާ ފަރާތްތަކަށް 10 އަހަރުގެ ޖަލު ޙުކުމެއް އަންނަ ގޮތަށް ޤާނޫނެއް ފާސްކުރުމަށް މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.

މެލޭޝިޔާގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ "އެންޓި ފޭކް ނިއުސް" ބިލުގައިވާގޮތުން، ދޮގު ޚަބަރު ފަތުރައިގެން ކުށްވެރިވާ ފަރާތްތަކަށް 10 އަހަރުގެ ޖަލު ޙުކުމެއް އައުމާއެކު، ސަތޭކަ އަށާވީސް ހާސް އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.

ބިލުގައި ދޮގު ޙަބަރަކީ ކޮބައިކަން ބަޔާންކޮށްފައިވާއިރު، އެފަދަ ޙަބަރެއް ފެތުރުމުގެ އެއްވެސް ގޮތަކުން ބައިވެރިވެއްޖެނަމަ އެމީހަކު ކުށްވެރިވާނެއެވެ. މިގޮތުން ސޯޝަލް މީޑިއާގެ ވަޞީލަތްތަކުން ފަތުރާ ދޮގު ޚަބަރުތަކަށްވެސް މިޤާނޫނުގެ ދަށުން އަދަބު ލިބޭނެއެވެ.

މެލޭޝިޔާ ސަރުކާރުން ބުނީ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހަޤީޤަތާއި ޚިލާފު ޚަބަރުތައް ފެތުރުން އިތުރުވެފައިވާއިރު، އެކަމުގެ ސަބަބުން މުޖްތަމަޢަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މިއީ މުހިއްމު ޤާނޫނެއްކަމަށެވެ. އަދި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މިޤާނޫނުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެކަމަށާއި އެކަންކަމަށް އިޚްތިރާމްކުރާނޭކަމަށްވެސް މެލޭޝިޔާ ސަރުކާރުން ބުނެއެވެ.

މެލޭޝިޔާއަކީ ދޮގު ޚަބަރު ފެތުރުމާއި ދެކޮޅަށް ހަރުކަށި ޤާނޫނެއް ފާސްކުރާ ފުރަތަމަ ޤައުމެއް ނޫނެވެ. ޖަރުމަންވިލާތް، ފްރާންސް، ސިންގަޕޫރު، ފިލިޕީންސް އަދި އިންޑޮނޭޝިޔާގައިވެސް ދޮގު ޚަބަރު ފެތުރުމާއި ދެކޮޅަށް ވަނީ ހަރުކަށި ޤާނޫނުތަކެއް ހަދާފައެވެ.

ތަޖުރިބާކާރުން ބުނާގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދޮގު ޚަބަރުތައް ފަތުރައިގެން ޤައުމުތަކުގެ އިންތިޚާބުތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ބައެއް ފަރާތްތަކުން ބޮޑެތި މަސައްކަތްތައްކުރެއެވެ. މިގޮތުން އެމެރިކާގައި އެންމެ ފަހުން ބޭއްވި އިންތިޚާބުގެ ތެރެއިން މިފަދަ އެތައް މައްސަލަތަކެއް ފެންމަތިވެގެން، އެކަންކަން ދަނީ ތަހުޤީޤްކުރަމުންނެވެ.