ތަޢުލީމު

ސްކޫލްތަކުގެ އުނގަންނައިދިނުން ވަޒަންކުރުމުގެ ޤައުމީ ވިއުގައަށް 15 މީހުން


ސްކޫލްތަކުގެ އުނގަންނައިދިނުން ވަޒަންކުރުމުގެ ޤައުމީ ވިއުގައިގެ މެބްބަރުކަމުގެ ސެޓްފިކެޓް 15 ފަރާތަކަށް ދީފިއެވެ. މި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ މިކަމަށްޓަކާ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޝިހާމްއެވެ.

ސްކޫލްތަކުގެ އުނގަންނައިދިނުން ވަޒަންކުރުމުގެ ޤައުމީ ވިއުގައަކީ ސްކޫލްތަކުގެ އުނގަންނައިދިނުމުގެ މަސައްކަތް ވަޒަން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ވިއުގައެކެވެ. އަދި ނޭޝަނަލް އެސެސްމެންޓް ހިންގުމުގައި އެޑިއުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް އެހީވެދިނުމާއި އަތޮޅު ފެންވަރުގައި އެސެސްމަންޓްގެ ކަންތައްތައް ބަލަހައްޓާ އެކަމުގެ މަޢޫލޫމާތު އެޑިޕާޓްމަންޓަށް ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ވިއުގައެއްވެސްމެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ވިއުގައަށް އަލަށް ގުޅުނު 15 މެމްބަރުންނާއެކު ރާއްޖޭގެ އެކި ސަރަޙައްދުގައި އެސެސްމެންޓް ދާއިރާއިން ފުންނާބު އުސް މީހުންތަކެއް އުފެދުމާއެކު ތަޢުލީމްގެ ފެންވަރު ރަނގަޅުވެ އިތުރު ކާމިޔާބުތަކާ ލަނޑުދަނޑުތައް ޙާސިލް ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ސްކޫލްތަކުގެ އުނގަންނައިދިނުން ވަޒަންކުރުމުގެ ޤައުމީ ވިއުގައިގެ މެންބަރުކަމުގެ ސެޓްފިކެޓް 15 ފަރާތަކަށް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ 2014 ވަނަ އަހަރު އާ މަންހަޖު ތަޢާރަފު ކުރުމާއިއެކު އިމްތިޙާން ކުރުމުގެ ގޮތްތަކަށްއައި ބަދަލު ތަންފީޒު ކުރުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސުކޫލުތަކުގެ ލެވެލްގައި އެސެސްމެންޓުގެ ކަންކަން ބަލަހައްޓާނެ ޤާބިލު ފަރާތްތަކެއް ނެތުންކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ފަރާތްތަށް، ސްކޫލްތަކުގެ އުނގަންނައިދިނުން ވަޒަންކުރާ ޤައުމީ ވިއުގަގައި ހިމެނިގެން ދިއުމުން ވަކިވަކި ސުކޫލުތަކުގެ އެސެސްމެންޓުގެ ފެންވަރު ރަނގަޅުވެ ހުރިހާ ސްކޫލުތަކެއްގެ އެސެސްމެންޓް ކުރިއަރައިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަސައްކަތުން މިވަނީ މާސްޓާރސް އޮފް އެޑިއުކޭޝަން (އެޑިއުކޭޝަނަލް އެސެސްމެންޓް) ކޯހެއް ޤައުމީ ޔުނިވަރސިޓީ އާއި ގުޅިގެން ވާނީހިންގާފަ. މިއީ ރާއްޖޭގެ ސުކޫލުތަކުގައި މިފަދަ އެސެސްމެންޓް ހިންގޭނެ ފަދަ ޤާބިލުކަން ހުރި މީހުން ނެތުމުން އެފަދަ ފަރާތްތަކެއް ތަމްރީން ކުރެއްވުމަށް ހިންގުނު ފުރަތަމަ ކޯހުގެ ބައިވެރިންކަން އުފަލާއިއެކު ފާހަގަކުރަން. މިފަރާތްތަކަކީ ރާއްޖޭގެ އެކި ސުކޫލުތަކުގައި މަސައްކަތް ކުރަމުންދާ ޓީޗަރުންގެ ތެރެއިން މިދާއިރާއިން ކުރިއަށް ދިއުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތައް." ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ސްކޫލްތަކުގެ އުނގަންނައިދިނުން ވަޒަންކުރުމުގެ ޤައުމީ ވިއުގައިގެ މެބްބަރުންގެ މައިގަނޑު މަސެއްކަތްތަކުގެ ތެރޭގައި ސްކޫލްތަކުގެ ފެންވަރު ވަޒަންކުރުމުގެ ދާއިރާއިން އެހެން މުދައްރިސުނަށް ތަމްރީން ދިނުމާއި ތަމްރީން ކުރި ފަރާތް މަސައްކަތްކުރާ ސްކުލްތަކަކީ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ވަޒަންކުރުމުގެ ދާއިރާއިން ނަމޫނާ ސްކޫލްތަކަށް ހެދުމަށް މަސައްކަތްކުރަންޖެހެއެވެ.

އެޑިއުކެޝަން މިނިސްޓްރީން ބުނީ ސްކޫލްތަކުގެ އުގަންނައިދިނުން ވަޒަންކުރުމުގެ ޤައުމީވިއުގަ ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ މާސްޓާރސް އޮފް އެޑިއުކޭޝަން ކޯހުގެ ދެވަނަ ބުރެއް ހިންގުމަށް ތައްޔާރުވަމުންދާކަމަށެވެ.