ޚަބަރު

ކަންގަތި އެވޯޑް ފުވައްމުލަކާއި ހުރާ ކައުންސިލަށް


ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޤަވާއިދަށް ހުރުމަތްތެރި އަދި ޒިންމާދާރުކަމާއެކު އެންމެ ރަނގަޅަށް މަސައްކަތްކުރާ ކަންސިލްތަކަށް ދޭ ކަންގަތި އެވޯޑް ކ.ހުރާ ކައުންސިލާއި، ޏ.ފުވައްމުލަކު ސިޓީ ކައުންސިލުން ހާސިލްކޮށްފިއެވެ.
ކަންގަތި އެވޯޑަކީ ކައުންސިލްތަކުގެ މަސައްކަތް ރޭންކުރަން އެލްޖީއޭއިން ތައްޔާރުކުރި ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއަށް ބަލައިގެން އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލްތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑް ދިނުމުގައި ކައުންސިލްތައް ރޭންކުކޮށްފައިވަނީ އެލްޖީއޭގެ ޤާނޫނާ އެއްގޮތަށް ލިޔެކިޔުންތައް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކައުންސިލްތަކުގެ ނަތީޖާއަށް ބެލުމަށްފަހުކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ކަންގަތި އެވޯޑްގެ އެއްވަނަ ހާސިލްކުރި ކ.ހުރާ ކައުންސިލަށާއި ފުވައްމުލަކު ކައުންސިލަށް އެވޯޑް ހަވާލުކޮށްދެއްވީ ކ.ގުރައިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެލްޖީޢޭގެ ރައީސް އަދި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއެވެ. އެލްޖީއޭއިން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންގެންދާ ލާމަރުކަޒީ ދުވަހުގެ ހަރަކާތްތައް މި އަހަރު ކުރިޔަށް ގެންގޮސްފައިވަނީ ކ.ގުރައިދޫގައެވެ. ކަނގަތި އެވޯޑުގެ އެއްވަނަ ދެ ކައުންސިލަކުން ހާސިލްކޮށްފައިވާއިރު، މި އެވޯޑް ވަނީ ހަތަރު ދަރަޖައަކަށް ބަހާލާފައެވެ. އެގޮތުން އަށާރަ ކައުންސިލަކަށް އެކި ދަރަޖައިގެ އެވޯޑްތައް ލިބިފައިވެއެވެ.
"ކަންގަތި" އަކީ އިހުޒަމާނުގައި ރަށްރަށުގެ ވެރިންނަށް ރަސްރަސްކަލުން ދެއްވާ ކޮލީގެ އިއްޒަތަކަށް ކިޔާނަމެކެވެ. މި ގޮތުން ކަންގަތި ކޮލީގެ އިއްޒަތަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ދެމުންދިޔަ އިއްޒަތެކެވެ.