ކުޅިވަރު

ފުރުޞަތު އޮތީ ޤައުމަށް، ރައްޔިތުންނަށް، ޓީމަށް %100 ދޭ ކުޅުންތެރިންނަށް - ކޯޗު


ދިވެހި ޓީމަށް ކުޅެވޭނީ މެޗުގައި %100 ދޭ ކުޅުންތެރިންނަށް ކަމަށާއި، އެއްވެސް ކުޅުންތެރިއަކަށް ފުރަތަމަ އެގާރައިން ޖާގަ ލިބޭނެ ކަމުގެ ޔަޤީންކަން ނޯންނާނެ ކަމަށް ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

މާދަމާ ރޭ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން އާއި ވާދަކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ސެގާޓް ބުނީ އޭނާ ބޭނުންވަނީ %100 ޓީމަށާއި، ޤައުމަށް އަދި މުޅި ދިވެހިރައްޔިތުންނަށް ދޭން ތައްޔާރަށް ތިބި ކުޅުންތެރިން ކަމަށާއި، އެނޫން އެއްޗެއް އޭނާ ކުޅުންތެރިންގެ ފަރާތުން ބަލައިނުގަންނާނެ ކަމަށެވެ.

މިހާރު އޮތް ޓީމުގެ ހުރިހާ ކަމެއްވެސް ރަނގަޅުކުރަން ޖެހިފައިވާކަން ފާހަގަކުރަމުން ކޯޗު ބުނީ މިވަގުތަށް އެންމެ މުހިއްމީ ބައިކޮޅަށް ވަންނަ ފަސޭހަ ލަނޑުތައް ހުއްޓުވުން ކަމަށާއި، އެކަމަށް މަސައްކަތްކުރާނެ ކަމަށެވެ.

މުހައްމަދު އާރިފް ބަކާ އާއި ހަސަން ނާއިޒް ދާދު ޓީމަށް އިތުރު ކުރީ ކީއްވެތޯ ސުވާލުކުރުމުން ކޯޗު ބުނީ އެއީ އޭނާ ކުރިންވެސް ޓީމަށް ނަގަން ބޭނުންވެފައި ތިބި ކުޅުންތެރިން ކަމަށާއި، ސިންގަޕޫރު މެޗަށް އެދެކުޅުންތެރިން ނުގެންދެވުނީ ޓިކެޓާއި ދަތުރުފަތުރުގެ ކަންތައް ފައިނަލް ކޮށްފައިވުމުންކަމަށެވެ.

މީގެއިތުރުން ސެގާޓް ވަނީ ޓީމުގެ ބައެއް ކުޅުންތެރިންގެ ވިސްނުން ބަދަލުކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. އެގޮތުން އަލީ އަޝްފާޤު މާދަމާރޭގެ މެޗުން ފެނުމާމެދު ވަކިއެއްޗެއް ބުނަން ނޭންގޭ ކަމަށާއި، މެންޓަލީ އޭނާ ފިޓްވާން ޖެހޭކަން ކޯޗު ފާހަގަކުރިއެވެ.

އަދި ރާއްޖޭގެ ކުޅުންތެރިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ސްޕީޑް އަވަސް، ޓެކްނިކަލް ކުޅުންތެރިންތަކެއްގެ ގޮތުގައި ކަމުން މިކަމުގެ ފައިދާ ހިފަން މަސައްކަތް ކުރާނެ ކަމަށް ކޯޗު ބުންޏެވެ.

މާދަމާރޭގެ މެޗާ ގުޅޭގޮތުން ބޫޓާންގެ އާ ކޯޗު ޓްރެވޯ މޯގަން ބުނީ މެޗުން ދެޓީމަށްވެސް އެއްވެސް އެއްޗެއް ގެއްލެން ނެތްނަމަވެސް ނިކުންނާނީ މޮޅެއް ހޯދަން ކަމަށެވެ. އަދި މޮޅެއް ނުލިބޭ ހާލުގައި ބަލިނުވުމުގެ އަޒުމުގައި ކަމަށެވެ. ބޫޓާން ޓީމާ ހަވާލުވެ ކުޅޭ ފުރަތަމަ މެޗުގައި އޭނާގެ ޓީމުގެ ފެންވަރު ބަލާލުމަށް މިއީ ރަނގަޅު މެޗެއްކަން ފާހަގަކުރަމުން ކޯޗު މޯގަން ބުނީ ބޫޓާން ކޮޅަށް މިހާތަނަށް ވަދެފައިވާ ލަނޑުތަކުގެ އަދަދު ވަރަށް ގިނަ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ރަސްމީ ބޯޅަ ދަނޑުގައި ރާއްޖެ އާއި ބޫޓާން ބައްދަލުކުރާ މެޗަކީ ކޮލިފައިންގެ ފަހު މެޗެވެ. މިމެޗަށް ނިކުންނައިރު ދެޓީމުވެސް ވަނީ މުބާރާތައް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ނުވައެއް ޖަހާއިރުއެވެ.