ވިޔަފާރި

ޕިއްޒާ ހަޓާއި ކޭއެފްސީގެ ރަހަތައް ރާއްޖެއަށް


ދިވެހިންގެ މެދުގައި މަޤްބޫލު ފްރެންޗައިންސް ބްރޭންޑްތައް ކަމަށްވާ ޕިއްޒާ ހަޓާއި ކޭއެފްސީގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. މިތަން ހުޅުވުމަށް ހަމަޖެހިފައިވަނީ މާލޭ ގާކޮށި ސަރަޙައްދުގައި ހުންނަ މާލޭ ގްރޭންޑް ޢިމާރާތުން އަމީނީ މަގަށެވެ. އެގޮތުން މި ހަފްތާގެތެރޭގައި ޕިއްޒާހަޓް ހުޅުވާއިރު، އެ ޢިމާރާތުގައި ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)ވެސް ހުޅުވުމަށްދަނީ ތައްޔާރުވަމުންނެވެ.

ޕިއްޒާ ހަޓާއި، ކޭއެފްސީއަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ މެދުގައި އެންމެ މަގްބޫލު ފާސްޓް ފުޑް ރެސްޓޯރެންޓްތަކެވެ. މީގެ ކުރިން މިތަންތަނުގެ ރަހަތަށް ހަމައެކަނި ލިބޭމުންދިޔައީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ނަމަވެސް، މިހާރުމިވަނީ ރާއްޖޭގައި ތިބެގެން ކޮންމެ މީހަކަށްވެސް މި ރެސްޓޯރެންތްތަކުން އިންސާފްކޮށްލުމުގެ ފުރުސަތު ލިބިފައެވެ.

އެމެރިކާގެ ފްރެންޗައިސް ބްރޭންޑެއްކަމަށްވާ ޕިއްޒާހަޓަކީ ދުނިޔޭގެ ފާސްޓް ފުޑް ބްރޭންޑްތަކުގެ ތެރެއިން ހަތްވަނައަށް އެންމެ މަޤްބޫލު ބްރޭންޑްއެވެ. ޕިއްޒާ ހަޓްގެ ވިޔަފާރި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ސޯޅަހާހަށްވުރެ ގިނަ އައުޓްލެޓްތައްވަނީ ހުޅުވާފައެވެ. އިޓާލިއަން އަދި އެމެރިކަން ރަހަތައް އެކުލެވޭ ތަފާތު ބާވަތްތަކުގެ ކާނާ ޕިއްޒާހަޓުން ލިބޭއިރު، ޕިއްޒާހަޓް އެންމެ މަޤްބޫލީ އެތަނުން ވިއްކާ ޕިއްޒާއެވެ.

ޕިއްޒާހަޓްގެ އިތުރުން ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)ގެ އައުޓްލެޓެއްވެސް ރާއްޖޭގައި ހުޅުވަމަށްދަނީ ތައްޔާރުވަމުންނެވެ. 1930ވަނަ އަހަރު އެމެރިކާގައި ފެށި މި ވިޔަފާރި 123 ގައުމަށް ފުޅާކޮށް ވިހި ހާހަށްވުރެ ގިނަ އައުޓްލެޓްވަނީ ހުޅުވާފައެވެ. ދުނިޔޭގައި ހަތަރުވަނައަށް އެންމެ މަގްބޫލު ފާސްޓްފުޑް ރެސްޓޯރެންޓް ކޭއެފްސީގެ ރަހަތަކަކަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ މެދުގައިވެސް އެންމެ މަޤްބޫލު އެއް ފްރެންޗައިސް ބްރޭންޑްއެވެ.

ޕިއްޒާހަޓާއި، ކޭއެފްސީގެ އިތުރުން ބަރގަރ ކިންގްގެ އައުޓްލެޓެއް ހުޅުމާލެ ފެރީޓަރމިނަލް ހުރި ޢިމާރާތުގައި ހުޅުވުމަށް ގެންދަނީ ތައްޔާރުވަމުންނެވެ. 2013ވަނަ އަހަރު ހުޅުލޭގައި ބަރަގަރ ކިންގގެ އައުޓްލެޓެއް ހުޅުވާފައިވެއެވެ. ނަމަވެސް މާލޭގައި ހުޅުވާ އައުޓްލެޓާއެކު ގިނަ ދިވެހިންނަށް މި ރަހަތައް ބަލާލުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބޭނެއެވެ.

ކޮފީގެ މަޝްހޫރު ފްރެންޗައިސް ބްރޭންޑެއްކަމަށްވާ ބަރިސްތާ މިދިޔަ އަހަރު ރާއްޖެއަށް ތަޢާރަފްވެފައިވާއިރު ކޮފީ ކްލަބްގެ އައުޓްލެޓެއްވެސް މާލޭގައި ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. ހުޅުލޭގައި މިހާރުވެސް ކޮފީ ކްލަބް ހިންގަމުން ދިޔަނަމަވެސް މާލޭގައި ކޮފީކްލަބްގެ އައުޓްލެޓެއް ހުޅުވުން ވެގެންދަނީ ކޮފީއަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރަކަށެވެ.

މާލެއަށް ފްރެންޗައިސް ގިނަ ބްރޭންޑްތަކެއް ތަޢާރަފްވަމުން އަންނައިރު، މާލޭގައި އެންމެ ފުރަތަމަ ހުޅުވި ފްރެންޗައިސް ރެސްޓޯރަންޓަކީ މޭރީ ބްރައުންއެވެ. މޭރީ ބްރައުން ރާއްޖެއަށް ތަޢާރަފްވިތާ ހަތް އަހަރުވެފައިވާއިރު އަދިވެސް މި ބްރޭންޑްގެ މަގްބޫލުކަން ދިވެހިންގެތެރޭގައި އެހާމެ ބޮޑުއެވެ.