ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ކުރާ މަސައްކަތްތަކަށް ނުފޫޒު ނުފޯރުވާނަން - އިންޑިއާ


ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް އިޙްތިރާމްކުރާކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް ޗައިނާފަދަ ބޮޑެތި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.

އިންޑިއާގެ މަޝްހޫރު ދުވަހު ނޫހެއްކަމަށްވާ "އިންޑިއަން އެކްސްޕްރެސް"އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ރާއްޖޭގެ ކަންކަމާއި އިންޑިއާއިން ނުބެހޭނޭކަން ޗައިނާއަށް އަންގާފައިވާނޭކަމަށެވެ. އަދި ޗައިނާއާއި އިންޑިއާއި ދެމެދު ކިތަންމެ ނުތަނަވަސްކަމެއް އޮތްނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އިތުބާރާއި، އެކުލަވާލާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ޗައިނާއިންވެސް އިޙްތިރާމްކުރާނެކަމަށް އުއްމީދުކުރާކަމަށް އެނާ ވިފދާޅުވެފައިވެއެވެ. އަދި އޭޝިއާ އާއި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ނުފޫޒު ގަދަ ޤައުމުގެ ގޮތުގައި އިންޑިއާ އޮތް އޮތުން މިހާރު މާޒީވެގޮސްފައިވާކަމާށާއި، އިންޑިއާ ކަނޑުގައި އިންޑިއާއަށް އޮތް ބާރާއި ނުފޫޒުވެސް މާޒީވެގޮސްފައިވާކަމަށް އިންޑިއަން އެކްސްޕްރެސް އަށް މަޢުލޫމާތުދިން އިންޑިއާ ސަރުކާރުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭޝިއާ ސަރަޙައްދުގެ ވިޔަފާރިއާއި އިޤްތިޞާދީ ކަންކަމުގެ މައްޗަށް ހަމައެކަނި އިންޑިއާއަށް ބާރު ފޯރުވިދާނެކަމަށް ޤަބޫލުކޮށްގެން ނުވާނެކަމަށްވެސް އިންޑިއާ ސަރުކާރުގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއާއި ނޭޕާލްފަދަ ޤައުމުތަކުގައި ޗައިނާއިން ހިންގާ ބިޔަ މަޝްރޫޢުތައް އިންޑިއާއަށް ނުހުއްޓުވޭނަކަމަށާ، ބަދަލުގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތުތަކާއި އެ ޤައުމުން ޤަބޫލުކުރާ ޤަބޫލުކުރުންތައް ޗައިނާއަށް ޙިއްޞާކުރެވިދާނެކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ފެންވަރުގައިވެސް އިޤްތިޞާދީ ބިޔަ ބާރަކަށް ޗައިނާ މިހާރުވެފައިވާއިރު، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަޙައްދުގައި ޗައިނާއިން ހޯދަމުންދާ ކުރިއެރުންތައް އިންޑިއާއިން ބަލައިގަންނަ ފަދައިން، ޗައިނާއިންވެސް އިންޑިއާގެ ނާޒުކުކަމާއި، އޭޝިއާ ސަރަޙައްދުގެ ސުލްހަ މަސަލަސްކަމަށް އިޙްތިރާމްކުރަން ޖެހޭނެކަމަށް އިންޑިއަން އެކްސްޕްރެސްއާއި ވާހަކަދައްކަމުން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

އިންޑިއާއިން ރާއްޖޭގެ ކަންކަމާއި ނުބެހޭނެކަން ހާމަކޮށްފައިވާއިރު، ދާދިފަހުން ރާއްޖޭގައި އިޢުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ނުފޫޒުފޯރުވުމަށް ހިތްވަރު ލިބޭނޭހެން އިދިކޮޅު ބައެއް ފަރާތްތަކާއި، ހަމައެހެންމެ އިންޑިއާއަށް ނިސްބަތްވާ ބައެއް ފަރާތުންތަކުން އެކި މީޑިއާތަކުގައި ވާހަކަތައް ފަތުރާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެހެންމެ ރާއްޖޭގައި ޗައިނާގެ އިންވެސްޓްމަންޓްތައް ގިނަވުމަކީ ޗައިނާގެ ނުފޫޒު މި ސަރަޙައްދަށް އިތުރުވެ، އިންޑިއާއި ރާއްޖޭގެ ގުޅުމަށް ހީނަރުކަން ގެނުވާނެކަމެއް ކަމަށްވެސް އިންޑިއާގެ ނުފޫޒުގަދަ ބައެއް ފަރާތްތަޚާ ޙަވާދީ އެޤައުމުގެ މީޑިއާގައި ބުނެފައިވެއެވެ.

ނަމަވެސް ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ޒަމާންވީ ގުޅުން މިގޮތުގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ދެމުންނެވެ.