ޚަބަރު

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފަސްކޮށްފި


33 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފަސްކޮށްފިއެވެ.
އަންނަ މަހުގެ 8ވަނަ ދުވަހައް ތާވަލްކުރި މި މުބާރާތް ފަސްކޮށްފައިވަނީ ޖުލައި މަހުގެ ތިންވަނަ ދުވަހަށެވެ. މި މުބާރާތަކީ ދިވެހި ބަހާއި އަދަބިއްޔާތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ދިވެހިބަހުގެ އެކެޑަމީއިން ބުނެފައިވަނީ މި މުބާރާތް ފަސްކޮށްފައިވަނީ، މުބާރާތް ބޭއްވުމަށް ކުރިން ތާވަލްކޮށްފައިވާ ދުވަސްވަރަކީ ސްކޫލްތަކުގެ ގިނަ ހަރަކާތްތަކެއް ހިންގާ ދުވަސްވަރަކަށްވެފައި، ސްކޫލްތަކުންނާއި ، ދަރިވަރުން އަދި ބެލެނިވެރިން އެކަމަށް އެދެމުންދާތީކަމަށެވެ. މިހާރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ ތިނަކުން އެއްތިރީސްވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅުމުގެ މުއްދަތުވެސްވަނީ އިތުރުކޮށްފައެވެ. އެގޮތުން މިހާރު ފޯމް ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހުގެ ތާރީޚަކީ ޖޫންމަހުގެ ފަސްވަނަ ދުވަހެވެ.
މުބާރާތް ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ތޭރަ އަހަރުން ދަށާއި، ސޯޅައަހަރާއި ތޭރައަހަރާއި ދެމެދުގެ އުމުރުފުރައާއި، ސޯޅަ އަހަރާއި އެކާވީސް އަހަރުގެ އުމުރުފުރާއެވެ. މީގެއިތުރުން އަށާރަ އަހަރުން ދަށާއި، އަށާރަ އަހަރުން މަތީގެ ބައި ހިމެނެއެވެ. މި މުބާރާތުގައި ސްކޫލްތަކުގެ ބަޔާއި، މަތީ ތަޢުލީމުގެ ބައިން ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް އަދި އޮފީސް ކުންފުނިތަކާއި ކްލަބް ޖަމްޢިއްޔާ ޖަމާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.