ވިޔަފާރި

ޒުވާނުންނަށް މަސްވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަނީ


ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ޒުވާނުންނަށް މަސްވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ. މިއީ ދިވެހި ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވާ މިދާއިރާއަށް ޒުވާނުން އަހަލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަންނަ ހުކުރުދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ރާއްޖޭގެ ތިން ސަރަޙައްދަކުން ތިން ޒުވާނުން ބައިވެރިވެއެވެ.
ގެމަނަފުށި މަސްވެރިންގެ ޖަމިއްޔާގެ މުއައްސިސް މުޙައްމަދު އަގްލީމް ބުނީ މި ޕްރޮގްރާމަށް މީހުން ހޮވުމުގައި އެންމެ ބޮޑަށް ބެލީ އާއްމުކޮށް މަސްވެރިކަން ކޮށްނޫޅޭ ހިސާބުތަކުގެ ޒުވާނުންނަށް ފުރުސަތު ދިނުމަށްކަމަށެވެ. އަދި އެގޮތަށް ނިންމީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ލޯބިޖައްސާ، މަސްވެރިކަން ރާއްޖޭގެ ހުރިހާ ހިސަބަކަށް ފުޅާކޮށް، މަސްވެރިކަމުން ޒުވާނުންނަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ. އޭނާ ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން މަސްވެރިކަމުގައި ގެންގުޅޭ ޒަމާނީ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، މަސްވެރިކަން ކުރާނެ ތަފާތު ގޮތްތަކުގެ ޢަމަލީ ތަޖުރިބާ ދޭނެކަމަށެވެ.
ގެމަނަފުށި މަސްވެރިންގެ ޖަމިއްޔާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމް، ސްޕޮންސަރ ކޮށްފައިވަނީ މިފްކޯއިންނެވެ. މިކަމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދްލީ އިސްމާއިލް، އަދި ގެމަނަފުށީ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ ޖަމިއްޔާގެ މުއައްސިސް މުޙައްމަދު އަގްލީމް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ ގެމަނަފުށީގެ މަސްވެރިން ކުރާ މި މަސައްކަތަކީ މިފްކޯއިން ވަރަށް ތާޢީދުކުރާ އަދި ބަލައިގަންނަ މަސައްކަތެއްކަމަށެވެ. އަދި އޭނާވަނީ މި ޕްރޮގްރާމުން ލިބޭ ތަމްރީން ފައިދާ ހުރި ގޮތުގައި ބޭނުންކޮށް މިދާއިރާ އިތުރަށް ފުުޅާކުރުމަށް މަސައްކަތްކުރުމަށް އެދިފައެވެ.
އެއް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ޒުވާނުން ހޯދާފައިވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ކަމަށް ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ.