ރައްޔިތުންގެ މަޖިލީހާއި އައިޕީޔޫ ގުޅިގެން ކުރަމުންދާ މަސައްކަތަށް އިންޓަރ ޕާލަމެންޓްރީ ޔޫނިއަނުން ތަޢުރީފް ކޮށްފިއެވެ. އައިޕީޔޫއިން ތަޢްރީފްކުރީ ސުވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަރ ޕާލަމެންޓަރީ ޔޫނިއަންގެ 138 ވަނަ ބައްދަލުވުމުގައެވެ.
އައިޕީޔޫގެ 138 ވަނަ އެސަމްބްލީގެ ހަވާސާގައި ރާއްޖެއާއި ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ވަނީ އައިޕީޔޫން ރައްޔިތުންގެ މަޖިލީހާ ގުޅިގެން ކުރާ މަސައްކަތް ފާހަގަކޮށް، އެކަންކަމަށް މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް ދެއްވާ އެއްބާރުލުން ފާހަގަކޮށް ތަޢުރީފް ކޮށްފައެވެ. މި އެސެމްބްލީގައި ރާއްޖެ ތަމްސީލް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. އައިޕީޔޫން ރާއްޖެއާއި ގުޅޭގޮތުން ނެރުނު ރިޕޯޓާއި ބެހޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖެއާބެހޭ ގޮތުން އައިޕީޔޫން ނެރުނު އެންމެ ރަނގަޅު ރިޕޯޓްކަމަށެވެ. ނަމަވެސް މިރިޕޯޓަށްވެސް އިދިކޮޅު ފަރާތްތަކުން ހަޤީގަތް އޮޅޭފަދަ މަޢުލޫމާތު ދީފައިވާކަމަށާއި، ނަމަވެސް ރާއްޖޭގައި ހިނގާފައިވާ ކަންކަމާއި ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭގޮތުން އައިޕިޔޫގެ އެސެންބްލީގައި ބައިވެރިވާ ޤައުމުތަކުގެ ބޭފުޅުންނަށް ސައްޙަ މައުލޫމާތު ދެއްވިކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.
މޫސާ މަނިކު ވިދާޅުވީ މިއެސެމްބްލީގެ ހަވާސާގައި އިނގިރޭސި ވަފުދާއެކުވެސް މުހިއްމު ބައްދަލުވުމެއް ބޭއްވިކަމަށާއި، މިބައްދަލުވުމުގައި ރާއްޖެއާއި ގުޅޭ ގިނަ ކަންތައްތަކެއް އިނގިރޭސި ޤަނޫނު ހަދާ މަޖިލީހުގެ ބޭފުޅުންނަށް އޮޅުވާލާފައިވާކަން ހާމަވިކަމަށެވެ. އަދި ދިވެހިން ބަލައިގެންފައިވާ އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނުތަކުން ކުރެވޭކަންކަމާއި ނުކުރެވޭނެ ކަންކަން އިނގިރޭސި ޕާލަމެންޓުގެ ބޭފުޅުންނަށް ހާމަކޮށްދީފައިވާ ކަމަށް މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވިއެވެ.
ޖެނީވާގައި މިހާރު ކުރިއަށްދާ އައިޕީޔޫގެ 138 ވަނަ އެސަމްބްލީގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރަމުންދަނީ ދުނިޔޭގެ ރެފިއުޖީންގެ މައްސަލަތަކާއި ހިޖުރަކުރުމާއި ގުޅުހުންހުރި ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ނެވެ.