ތިމާވެށި

ސާފުރާއްޖެ ސަރަޙައްދީ މަހާސިންތާ މުލީގައި ފަށައިފި


ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއިބެހޭ މަޢުލޫމާތާއި ތަމްރީން ދިނުމަށް ބާއްވާ ސަރަޙައްދީ މަހާސިންތާ މުލަކަތޮޅު މުލީގައި ފަށައިފިއެވެ. "ސާފުރާއްޖެ" ނަމުގައި މުލީގައި ފެށި މަހާސިންތާ އަމާޒުކޮށްފައިވަނީ ޒޯން 4 އާއި ޒޯން 5ގައި ހިމެނޭ އަތޮޅުތަކަށެވެ. އެގޮތުން މަހާސިންތާގައި މ، ފ، ދ، ތ، އަދި ލ އަތޮޅު ކައުންސިލްތަކުން ބޭފުޅުން ބައިވެރިވެއެވެ.

ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ސަރުކަރުން ކުރަމުންދާއިރު، އެންމެ ފަހުން މި މަސައްކަތް ފެށީ ޒޯން 4 އާއި ޒޯން 5 ގައި ހިމެނޭ ރަށްރަށުގައެވެ. ތިން ދުވަހުގެ މުއްދަތަށް މ. މުލީގައި ކުރިއަށްގެންދާ "ސާފުރާއްޖެ" މަހާސިންތާގައި މ، ފ، ދ، ތ، އަދި ލ އަތޮޅުގެ ކައުންސިލްތަކާއި މިނިސްޓްރީ އޮފް އެންވަޔަރޮންމަންޓް އެންޑް އެނަރޖީއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބައިވެރިވެއެވެ. އެންވަޔަރޮންމަންޓް މިނިސްޓްރީން ބާއްވާ މި މަހާސިންތާގައި ޒޯން 4 ކާއި ޒޯން 5 ގައި ހިމެނޭ ރަށްރަށުގެ ކުނީގެ ޙާލަތު ރަނގަޅު ކުރުމަށް ވާންޖެހޭ ތައްޔާރީތައްވެ އެކަމަށް ކައުންސިލްތަށް ތައްޔާރު ކުރާނެއެވެ. މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ އާމިރު ވިދާޅުވީ މި މަހާސިންތާގެ ފުރަތަމަ ސެޝަނުގައިވެސް ކައުންސިލްތަކުގެ ބައިވެރިވުން ބޮޑުކަމަށާއި ރަށްރަށުގެ ކުނީގެ މައްސަލަ ޙައްލުކުރުމަށް ހުރި ގިނަ ގޮންޖެހުންތައް ފާހަގަކޮށް ކަންބޮޑުވުންތައް ހުށައަޅާފައިކަމަށެވެ.

ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ޒޯން 4 ކާއި ޒޯން 5 ގެ ރަށްރަށުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު ތަރައްޤީކުރުމަށް 17.5 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށްވަނީ ހަމަޖައްސާފައެވެ. މިފަހަރުގެ މަހާސިންތާގައި މިދެޒޯނުން 42 ރަށަކުން ބޭފުޅުން ބައިވެރިވެއެވެ. މި ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުގައި މިހާރުވެސް މިމަސައްކަތުގެ ޢަމަލީ ބައެއް މަސައްކަތް ކުރިއަށްދާކަމަށް އެންވަޔަރޮންމަންޓް މިނިސްޓްރީން ބުނެއެވެ. އެގޮތުން އެއްވެސް ގޮތަކަށް ކުނި ކޮށި ނެތް އެގާރަ ރަށެއްގައި ކުނި ކޮށި އެޅުމަށް ބޭނުންވާ ޑިޒައިން މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ އެރަށްތަކުގައި ކުނި ކޮށި އެޅުމަށް ދޫކޮށްފައިވާ ބިމުގައި މި ޑިޒައިންތައް ފިޓުކުރުމުގެ މަސައްކަތްކަމަށް އެމިނިސްޓްރީން ބުނެއެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ މިމަސައްކަތް ނިމޭނެކަމަށްވެސް އެންވަޔަރޮންމަންޓް މިނިސްޓްރީން ބުނެއެވެ.

ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ އެކި މަޝްރޫޢުތައް ސަރުކާރުންގެންދަނީ ހިންގަމުންނެވެ.