ޚަބަރު

އަންނަ ހަފްތާގައި މަޖިލިސް ފަށަނީ


ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާގައި ފަށާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މި މަހުގެ 14ވަނަ ދުވަހުއެވެ. އޭގެފަހުން މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން މަޖިލިސް މެމްބަރުންނަށް ފާޑުކިއުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާނު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނުފެށިގެން އުޅެނީ މަޖިލީހުގައި ކުރާނެ މަސައްކަތްތަކެއް ނެތިގެން ނޫން ކަމަށެވެ. މަޖިލީހުގައި ކުރާނެ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި ނަމަވެސް އެ މަސައްކަތްތަކަކީ ހަމައެކަނި ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން ތިއްބަވައިގެން ނިންމޭނެ މަސައްކަތްތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގެ މަސައްކަތްތައް އެބަހުރި. އެކަމަކު އެ މަސައްކަތްތައް ކުރެވޭނީ ހަމައެކަނި ޕީޕީއެމް ނުވަތަ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ތިއްބަވައިގެނެއް ނޫން. އަޅުގަނޑުމެންނަށް އެފަދަ މަސައްކަތްތަކަށް އިދިކޮޅު މެމްބަރުންގެ ޚިޔާލާ ލަފާވެސް ބޭނުންވާނެ. މާނައަކީ އެ މަސައްކަތްތަކަކީ ޚައްސާސް މަސައްކަތްތަކޭ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މަޖިލީހުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަޖިލީހުގެ މުހިއްމު މަސައްކަތްތައް އަންނަ ހަފްތާގައި ފެށިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ކޮންމެ ހަފްތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހެއެވެ. އެ ދުވަސްތަކަކީ ހޯމަ އަންގާރަ ބުދަ މި ތިން ދުވަހެެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހުއެވެެ. ނަމަވެސް އޭގެކުރިން މަޖިލީހުގެ ޚާއްސަ ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވި ފަހުން ބާއްވާފައި ވަނީ 10 ޖަލްސާއެވެ. އޭޕްރީލް މަހުގެ ނިޔަލަށް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާ މަޖިލިސް އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ދާނެއެވެ.