ޚަބަރު

ޝަރުތު ހަމަނުވާ އެޑިޓަރުންނަށް ޚާއްސަ ޑިގްރީ ޕްރޮގްރާމެއް ފަށަނީ


ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމުގެ ޤަވާޢިދުގެ އެޑިޓަރުންގެ ޝަރުޠައް ހިމެނޭ މާއްދާއަށް ޢަމަލުކުރުން ފަސްކޮށް މިހާރު ތިބި އެޑިޓަރުންނަށް ޚާއްސަކޮށްގެން ޑިގްރީ ފެންވަރުގެ ޕްރޮގްރާމެއް ފަށަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
ޑިގްރީ ޕްރޮގްރާމެއް ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމުމާއެކު އެޑިޓަރުންގެ ޤަވައިދަށް އަމަލުކުރުން 18 މަސްދުވަހަށް ފަސްކުރުމަށްވެސް ހޯމް މިނިސްރީން ވަނީ ނިންމާފައެވެ.
ހޯމް މިނިސްޓްރީން ނެރުނު އިޢުލާނުގައިވަނީ އަލަށް ގެނައި ޤަވާޢިދަށް ނުފެތޭ ގިނަ ޢަދަދެއްގެ އެޑިޓަރުން ނޫސް މަޖައްލާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާ އެހެންކަމުން އެޑިޓަރުންނަށް ޚާއްސަކޮށްގެން ޑިގްރީ ފެންވަރުގެ ޕްރޮގްރާމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޯސް އެކުލަވާލެނުހާ އަވަހަށް ކޯހަށް އެދުމަށް ހުޅުވާލާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މިގޮތަށް ނިންމީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި މިހާރު ނޫސްމަޖައްލާތަކުގެ އެޑިޓަރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ އެދުމުގެ މަތިންކަމަށްވެސް ހޯމް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ. މީގެ ކުރިން އެ ޤަވާޢިދަށް ޢަމަލުކުރަން ފަށަން ނިންމާފައިއޮތީ ޤަވާޢިދު ޢާންމުކުރާތާ އެއް މަސް ފަހުންނެވެ. އެހެންނަމަވެސް ފަހުންވަނީ އެއަށް ޢަމަލުކުރުން އެއް މަހަށްދުވަހަށް ފަސްކޮށްފައެވެ.