ސިޔާސީ

ރާއްޖޭގައި ދޮގު ޚަބަރު ފެތުރުން ހުއްޓުވަން ޤާނޫނެއް ބޭނުންވޭ - ނިހާން


ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށްޓަކައި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަމަށް ވަކިން ޚާއްސަކޮށްގެން ހަދާފަދަ ޤާނޫނެއް ރާއްޖޭގައިވެސް ހަދަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރީޓި ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމަށް މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުންވަނީ ނިންމާފައެވެ. އަދި އެ ޤައުމުގެ ނޫސްތަކުގެ ފަލަ ސުރުޚީގައި އެ ވާހަކަ ޝާޢިއުކޮށްފައިވާއިރު މެލޭޝިއާގެ ނޫހެއްގައިވާ އެ ވާހަކައިގެ ބައެއް ނިހާންވަނީ އޭނާގެ ޓުވީޓަރގައި ޙިއްސާ ކުރައްވާފައެވެ. ނިހާން ވިދާޅުވެފައިވަނީ ރާއްޖޭގައި ދޮގު ޚަބަރު ފަތުރާ މީހުންނަށްވެސް މިކަހަލަ ޤާނޫނެއް ގެންނަން ޖެހޭ ކަމަށެވެ.

ދޮގު ޚަބަރު ފެތުރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ދޮގު ޚަބަރު ފެތުރުމާއި މީހުންގެ އަބުރަށް އަރައިގަތުން ހުއްޓުވުމަށްޓަކައި އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި މަޖިލީހުން ބިލެއް ފާސްކޮށްފައިވާނެ ކަމަށެވެ. އަދި އެ ބިލް ރައީސުލްޖުމްޙޫރިއްޔާ ތަސްދީޤުކޮށް އެ މައްޗަށް ޢަމަލު ކުރުން ރައްޔިތުންނަށް ލާޒިމުވެފައިވާނެ ކަމަށާ، ނަމަވެސް އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުން ބޭނުންވި "ފަރުވާ ނުލިބޭ" ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"ވަކި ޤާނޫނެއްހެދީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި. އެހެންނަމަވެސް ވަކި ކަމަކަށް ޤާނޫނެއް ހެދުމުންވެސް މިކަމެއް ހުއްޓިގެނެއް ނުދިޔަ. ދެން ބައެއް ފަރާތްތަކުން ބުނަމުންދާނެ އޭރުންވެސް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްޤަށް ހުރަސް އަޅަނީއޭ. އެކަމަކު ދަންނަވަން. މި ހައްޤުތަކުގެ ވާހަކަތައް ދައްކަވާ ފަރާތްތަކުންވެސް ވިސްނަން އެބަޖެހޭ، އަޅުގަނޑުގެ ޙައްޤު ނިމޭ ހިސާބަކީ އަނެކާގެ ހައްޤު ފެށޭ ހިސާބު ކަމަށް. ހަމަ ހިތުހުރި އެއްޗެއް އެއްވެސް މީހަކާ ދިމާލަށް ކިއުމުގެ ހައްޤެއް އެއްވެސް މީހަކަށް ނޯންނާނެ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ކަނޑައެޅިގެން ދޮގު ޚަބަރު ފަތުރާ ފަރާތްތައް އެކަން ހުއްޓަން ވެއްޖެ ކަމަށާ ރާއްޖޭގައި އެކަމަށް ވަކި ޚާއްސަ ޤާނޫނެއް ނަމަވެސް ފަރުމާ ކުރަންޖެހޭ ކަމަށެވެ. އަދި ދޮގު ޚަބަރު ފަތުރާ ފަރާތްތައް ބޮޑެތި ޢަދަދުން ޖޫރިމަނާ ކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނިހާން ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުގެ ދަށުންވެސް ރައްޔިތުންނަށް ބޮޑެތި ޖޫރިމަނާތަކެއް އަންނާނެ ކަމަށެވެ. ނަމަވެސް އެ ޤާނޫނު ރަނގަޅަށް ތަންފީޒުވެގެންދާތަން ނުފެންނަ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.