ރާއްޖޭގެ ގިނަ ރަށްތަކަކީ ބޭސްލިބުމުގެ ދަތިކަން ދިމާވެފައިވާ ރަށްތައް ކަމުން އެކަން ހައްލު ކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.
މިއަދު ޝީ ބިލްޑިންގްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ބޭސް އުފައްދާ ގައުމަކަށް ނުވާތީ ރާއްޖޭގެ ގިނަ ރަށްރަށަށް ބޭސްލިބުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށެވެ. އެހެންކަމުން މިކަން ހައްލުކޮށް ކޮންމެ ރަށަކުން ވެސް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސަން އެސްޓީއޯ އާއި އެކު މަސައްކަތް ކުރަމުންދާ ކަމަށް ޝަކީލާ ވިދާޅުވިއެވެ.
ސަރުކާރުގެ މެނިފެސްޓޯގައިވާ ފަދައިން ރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތުރަނގަޅު ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމުން އެކަމަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެމުން އަންނަ ކަމަށް ޝަކީލާ ވިދާޅުވިއެވެ.
ބޭސް ގެންގުޅުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ބޭނުމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރިޔަށް ގެންދިޔަ ދިރާސާގައި ހޯދި ހޯދުންތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި ބައިވެރިވަނީ ރާއްޖޭގައި ބޭސް އެތެރެކުރާ ފަރާތްތަކާއި ހޮސްޕިޓަލްތައް ފަދަ ބޭހުގެ މުއާމަލާތް ކުރާ ފަރާތްތައް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.