ޚަބަރު

"ފައިނަލަށް ނުކުންނާނީ އުތީމަކީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ދެކިގެން"


މިހާރު ކުރިއަށްދާ ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ފައިނަލް މެޗުގައި އުތީމާ ދެކޮޅަށް ނުކުންނާނީ އެ ޓީމަކީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ދެކިގެން، މޮޅަކާއެކު މުބާރާތް ކާމިޔާބުކުރަން ކަމަށް އިހަވަންދޫގެ ކޯޗު ނޫޝާން އަބްދުލް ރައްޒާގު ބުނެފިއެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް މި އަހަރު ބާއްވަނީ ކެލާގައެވެ. މި މުބާރާތުގައި ހއ. އަތޮޅުގެ 10 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އުތީމުން ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބާރަށް އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި ފައިނަލަށް އިހަވަންދޫ ދަތުރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން 4-1 ގެ ނަތީޖާއަކުން ދިއްދޫ ބަލިކުރުމަށްފަހުއެވެ.

ފައިނަލް މެޗުގެ ކުރިން "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އިހަވަންދޫގެ ކޯޗު ނޫޝާން ބުނީ މި މުބާރާތުގެ ފައިނަލާ ހަމައަށް ޓީމު އައީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ފައިނަލް މެޗަށް ޓީމު އޮތީ ތައްޔާރަށް ކަމަށާއި، އެ މެޗާ ކުރިމަތިލާނީ އުތީމަކީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ދެކިގެން، މޮޅަކާއެކު މުބާރާތް ކާމިޔާބުކުރަން ކަމަށްވެސް ބުންޏެވެ.

"ޓީމު މި އޮތީ ފައިނަލް މެޗަށް ފުދޭވަރަކަށް ތައްޔާރުވެފައި. އުތީމަކީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ދެކިގެން އަހަރުމެން ޓީމު ނުކުންނާނީ މޮޅަކާއެކު މުބާރާތް ކާމިޔާބުކުރަން." ނޫޝާން ބުންޏެވެ.

ނޫޝާން ބުނީ މި މުބާރާތުގެ ފައިނަލާ ހަމައަށް އާދެވުނީ މަސް ދުވަސް ކުރިން ފަރިތަކުރުންތައް ފަށައިގެން ކުރެވުނު މަސައްކަތުން ކަމަށެވެ. އަދި މުބާރާތުގެ ތަށި ކާމިޔާބުކުރުމުގެ އުއްމީދުގައި ފައިނަލާ ކުރިމަތިލާއިރު، ރަށުގެ ހުރިހާ ރައްޔިތުންގެ ސަޕޯޓުވެސް ޓީމަށް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

"ހުރިހާ ކުޅުންތެރިންގެވެސް ހިތްވަރާއި ދެއްކި ކުޅުމަކީ ރަށުގެ ރައްޔިތުންނަށް މުބާރާތް ކާމިޔާބުކުރުމަށް އަހަރުމެން ޓީމުން ދޭ ހިތްވަރު. އެހެންވީމާ އަޅުގަނޑުމެން ބޭނުން ރަށުގެ ހުރިހާ ރައްޔިތުންވެސް ކެލައަށް އަސް ޓީމަށް ސަޕޯޓުކޮށްދިނުމަށް." ނޫޝާން ބުންޏެވެ.

ކެލާ ފުޓްސަލް ދަނޑުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ.