ޚަބަރު

ސޫދާންގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުއްވައިފި





 


ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑޮކްޓަރ ޙަސަން ޢީސާ ޙަސަން ‏‏އަލްޠާލިބު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏



މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު ‏‏އެރުއްވުމަށްފަހު، ސޫދާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ‏‏ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ.‏ 


 
މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ސޫދާނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، މިގުޅުން ‏‏އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުންނާއި، ޚާއްޞަކޮށް، ދަނޑުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ‏‏މިގުޅުން އިތުރަށް ‏‏ތަރައްޤީކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ސޫދާނާއި ‏‏ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ސުދާންގެ އާސަފީރުގެ ދައުރުގައި ‏‏އިތުރަށް ‏‏ބަދަހިކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން، ސޫދާންގެ ސަފީރު ދެއްވިއެވެ.


  
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، އިޓަލީ ‏‏ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ އިއޮނިސް އީ. ރަޕްޓަކިސް ‏‏މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. ‏



މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ‏‏ދިވެހިރާއްޖެއާއި އިޓަލީއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ‏‏ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ވަކިން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި ‏‏އަދި ފަތުރުވެރިކަމުގެ ދާއިރާގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވިއެވެ. ‏


  
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ‏ޤައުމުގެ ‏‏އިޤްތިޞާދު ހަރުދަނާ ކުރެއްވުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް މިހާރަށްވުރެ ‏‏ފުޅާކުރެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.‏‏‏މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރަށްވުރެ ރަނގަޅު ‏‏ކުރެއްވުމަށާއި، ‏އިންވެސްޓް ކުރުމަށް ރަނގަޅު މާޙައުލެއް ބިނާކުރެއް‏‏ވުމަށް ‏ސަރުކާރުން ‏‏އަޅުއްވަމުން ‏‏ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، ‏‏އިޓަލީގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ‏‏ދެއްވިއެވެ. އަދި މިހާރު ރާއްޖޭގައި ހުރި ‏‏އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ ގޮތުންވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.‏


  
 


އިޓަލީ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އިޓަލީ ‏‏ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގެ ‏‏ޔަޤީންކަން ދެއްވިއެވެ.