ޚަބަރު

އައްޑޫސިޓީގައި އާރތު އަވަރގެ ހަރަކާތް ކުލަގަދަކޮށް ފާހަގަކޮށްފި


ދުނިޔެއަށްޓަކައި އެއްގަޑިއިރު ހޭދަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް، މުޅި ދުނިޔޭގައި ފާހަގަ ކުރާ "އާރތް އަވަރ" ރާއްޖޭގައި މިފަހަރުވެސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މިއަހަރުގެ އާރތް އަވަރގެ ޙަރަކާތްތައް ރާއްޖޭގައި ރަސްމީކޮށް ކުރިއަށްގެންގޮސްފައިވަނީ އައްޑޫ ސިޓީގައެވެ. އެގޮތުން އާރތް އަވާރގެ މައި އިވެންޓް ކަމުގައިވާ "ސްވިޗް-އޯފް" ގެ ޙަރަކާތްތައް ރޭ އައްޑޫ ސިޓީގައި ވަނީ ކުރިއަށްގެންގޮސްފައެވެ. 

އާރތް އަވަރ މޯލްޑިވްސް ކަންޓްރީ ޓީމް އާއި އީކޯ ކެއަރ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން އާރތް އަވަރ ފާހަގަ ކުރުމަށް އައްޑޫ ސިޓީގައި ބޭއްވި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ. "ސްވިޗް-އޯފް" ގެ ހަރކާތް ކުރިއަށް ގެންދިޔަ ވަގުތު ހިތަދޫ ސްޓޭޖް ސަރަހައްދުގައި ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ސްޓޭޖް އައިޓަމްތަކާއި ފޭދޫ މެޖެންޓާ ބޮޑުބެރުގެ، ފޯރިގަދަ ބޮޑުބެރު ހަރަކާތުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޕަފޯމަރެއްކަމަށްވާ ރޮބޯމޭންވެސްވަނީ ސްޓޭޖްގައި ޕަފޯމްކޮށްފައެވެ. މީގެ އިތުރުން  ރާއްޖޭގެ އެންމެ ކާމިޔާބު ފްރެންޗައިސް ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ސީޒަން 3 ގެ ބައިވެރިއެއް ކަމަށްވާ އަޙްމަދް ނާޒިހް ވެސްވަނީ ސްޓޭޖް ޕަރފޯމެންސެއް ހުށަހަޅާފައެވެ.

އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ އާރތް އަވަރގެ ޙަރަކާތްތަކާ ގުޅޭގޮތުން މަޢުލޫމާތުދެމުން އާރތު އަވާރ މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރ އަޙްމަދު ނަޝީދު ވިދާޅުވީ މިއީ މިހަރަކާތް މާލެ ފިޔަވައި އެހެން ރަށެއްގައި ބޭއްވުނު ފުރަތަމަ ފަހަރު ކަމުގައި ވީނަމަވެސް މިހަރަކާތް ނިމިގެންދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. އަދި އަންނަ އަހަރުވެސް އާރތު އަވާރގެ މައި އިވެންޓް އަތޮޅުތެރޭގައި ބާއްވަން ވިސްނަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ހަރަކާތް މިދިޔައީ އަޅުގަނޑުމެން ބެނުންވާގޮތަށް. ދެން އިރާދަކުރެއްވީތީ މީ އަތޮޅުތެރޭގައި އަޅުގަނޑުމެންނަށް ފެއްޓުނު ފުރަތަމަ ފަހަރު. އެހެންވެއްޖެއްޔާ އަހަރުމެންން މިއަންނަ އަހަރުވެސް މިއަށްވުރެ ރަނގަޅަށް، މީގެ އެކްސްޕީރިއެންސް ބޭނުންކޮށުކުރެވޭނެ. އައްޑޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ތަރްހީބެއް ލިބުނު. އެހެންވީމަ މިއަންނަ އަހަރުވެސް އަޅުގަނޑުމެން އަތޮޅުތަކުގެ ތެރޭގެ ކޮންމެވެސް ހިސާބެއްގަ އާރތު އަވާރގެ މެއިން އިވެންޓް ބާއްވާނީ" އަޙްމަދު ނަޝީދު ވިދާޅުވިއެވެ.

އާރތު އަވާރ ފާހަގަކުރުމަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ރަސްމީ ހަރަކާތުގެ އިތުރުން އެކި ޖަމްޢިއްޔާތަކާއި، ދިވެހި ރެޑް ކްރިސެންޓާއި ސީކެޕް އިންވެސް ވަނީ އާރތު އަވާރ ފާހަގަކުރުމަށް އައްޑޫ ސިޓީގައި އެކި ހަރާކަތްތައް ކުރިއަށްގެންގޮސްފައިވެއެވެ.

މި އަހަރުގެ އާރތް އަވާރގެ ތީމަކީ "ކަނެކްޓް ޓު އާރތް" އެވެ. ދުނިޔެއަށްޓަކައި އެއްގަޑިއިރު ހޭދަކުރުމަށް ރާއްޖެއާއި މުޅި ދުނިޔޭގައިވެސް ކޮންމެ އަހަރެއްގެ މާޗު މަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑު 8:30އިން 9:30އަށް މި ހަރަކާތް ރަސްމީގޮތެއްގައި ފާހަގަކުރެއެވެ.

އާރތު އަވާރ އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ޙަރަކާތެކެވެ. މިއީ ޖައްވު ހޫނުވުމުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް ހިތްވަރުދިނުމާއެކު، ޢަމަލީގޮތުން މިކަމުގައި ބައިވެރިވުމަށް އެންމެންނަށް ލިބިގެންދާ ފުރުޞަތެކެވެ. "އާރތު އަވާރ"ގެ ޙަރަކާތް ކުރިއަށްގެންދަނީ ކަރަންޓު ބޭނުންކޮށްގެން ކޮންމެހެން ދިއްލަންޖެހޭ ބޮކި، ހޮޅިބުރިފަދަ ތަކެތިފިޔަވައި އެހެން ހުރިހާ ބޮތްކަކާއި ހޮޅިބުރިތައް ކަނޑައެޅޭ އެއްގަޑިއިރަށް ނިއްވާލައިގެންނެވެ. މީގެ ބޭނުމަކީ، ކަރަންޓް ބޭނުންކުރެވޭ މިންވަރު މަދުކޮށް، އެކަމަށްޓަކައި އަންދާ ތެލާއި ތެޔޮ އެންދުމުން ޖައްވަށް ބޭރުކުރެވޭ ވިހަ ދުންތައް މަދުކުރުމެވެ. މިޙަރަކާތަކީ ދުނިޔޭގެފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކެންޕޭނެކެވެ. ރާއްޖޭގައި އާތްއަވާ ފުރަތަމަ ފާހަގަކުރީ 2009 ވަނަ އަހަރުގައެވެ.