ޚަބަރު

މޯލްޑިވްސް ހޮޓެލް ރެވެނިއު މެނޭޖްމަންޓް އެން ޓެކް ސަމިޓް ފަށައިފި


ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޢަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ މޯލްޑިވްސް ހޮޓެލް ރެވެނިއު މެނޭޖްމަންޓް އެން ޓެކްގެ ނަމުގައި ސަމިޓެއްފަށައިފިއެވެ. އެއްދުވަހުގެ މުއްދަތަކަށް އެމްއެންޔޫ ބިޒްނަސް ސްކޫލްގައި ކުރިއަށްދާ މި ސަމިޓްއަކީ  ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ސަމިޓެކެވެ.

މި ސަމިޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކާއި، ރެވެނިއު ސެކްޓަރާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ސަމިޓެކެވެ. ސީއެމްއޭއިން ބުނީ މިސަމިޓުގައި  ފަތުރުވެރިކަމުގެ ދާއިރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް މި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހިލޭ ހުޅުވާލިކަމަށެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީގެ ސީއީއޯ އިލްޔާސް ހަނީފު ވިދާޅުވީ  މި ސަމިޓުގައި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުން ގާތްގަނޑަކަށް 150 މީހުން ބައިވެރިވާކަމަށެވެ. އަދި މި ސަމިޓުގައި ފަތުރުވެރިކަމުގެ ދާއިރާގައި ރެވެނިއު އިތުރުކުރާނެގޮތްތަކުގެ މައްޗަށް އަލިއަޅުވާލާނެކަމަށެވެ.

"ހޮޓެލްތަކާއި، ގެސްޓްހައުސްތަކާ، ރިސޯޓްތަކުން ގާތްގަނޑަކަށް 150 ބޭފުޅުން ބައިވެރިވޭ. މި ފޮރަމްގައި ރޢްޖޭގެ ދެބޭފުޅަކާއި ބޭރުގެ ތަޖުރިބާކާރުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވޭ. ސަމިޓްގެ ތެރެއިން ދުނިޔޭގެ އެކި ހިސާބުތަކުގައި  ހޮޓެލް އިންޑަސްޓްރީގައި ރެވެނިއު އިތުރުކުރުމަށް ކުރާކަންތައްތަކުގެ އިތުރުން ޓެކްނޮލަޖީގެ ޒަރިއްޔާއިން މިދާއިރާގެ ކަންތައްތައް ކުރެވޭނެ ގޮތުގެ މައްޗަށް." އިލްޔާސް ހަނީފް ވިދާޅުވިއެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން މިދިޔަ މަހުގެ ތެރޭގައި ވަނީ، ވިޔަފާރި އާއި މާކެޓިންގ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޢަމާޒުކޮށްގެން މޯލްޑިވްސް މާކެޓަރސް ފޯރަމްގެ ނަމުގައިވެސް ބައްދަލުވުމެއް ބާއްވާފައެވެ.