ޚަބަރު

ސްކޫލް ކުދިންގެ 2 ވަނަ ޤައުމީ ޤުރުއާން މުބާރާތް ފަށައިފި


443 ދަރިވަރުންނާއި އެކު ސްކޫލު ކުދިންގެ 2 ވަނަ ޤައުމީ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ. މިއަހަރުގެ މި މުބާރާތުގައި 71 ސްކޫލަކުން ދަރިވަރުން ވާދަކުރެއެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ސްކޫލްތަކުން 269 އަންހެން ދަރިވަރުންނާއި 174 ފިރިހެން ދަރިވަރުން ކިޔަވާނެއެވެ. މިއަދުގެ ދަންފަޅިތަކުގައި ކުރިއަށްދާނީ ފޮތުން ކިޔެވުމުގެ ބައެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު ދެދަންފަޅިއަކަށް ކިޔެވުމަށް ހަމަޖެހިފައިވާއިރު މެންދުރާއި، ހަވީރު އަދި ރޭގަނޑުވެސް ކިޔެވުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިޔަށްގެންދަނީ  ތިން ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮފީގެ އިތުރުން ޙާފިޡުންގެ ގޮތްޕެވެ. މި ތިންގޮފި ތިން ބަޔަކަށް ބަހާލާފައިވާއިރު ބަލައިގެން ކިޔެވުމުގެ ބައިގައި 5 ފޮތާއި 10 ފޮތާއި 15 ފޮތުން ތަޖުވީދުގެ ހަމަތަކަށް ކިޔެވުން ހިމެނެއެވެ. 

ހިތުން ކިޔެވުމުގެ ބައިގައި ހިމެނެނީ 2 ފޮތާއި، 4 ފޮތާއި، 6 ފޮތް ތަޖުވީދުގެ ހަމަތަކަށް ކިޔެވުމެވެ. އަދި ޙާފިޡު ކަމުގެ ބައިގައި މުޅި ޤުރުއާން ހިތުދަސްވެފައިވުމާއެކު ތަޖުވީދު ހަމަތަކުން ކިޔެވުން ހިމެނެއެވެ. ސްކޫލް ކުދިންގެ 2ވަނަ ޤުރުއާން މުބާރާތުގައި ފޮތުންނާއި ހިތުން ކިޔެވުމުގެ ބައިން 219 ކުދިން ކިޔެވުމަށް ހަމަޖެހިފައިވާއިރު ޙާފިޡުންގެ ބައިން 5 ކުދިން ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ 3 އަންހެންކުދިންނާއި 2 ފިރިހެންކުދިންނެވެ.

މުބާރާތުން ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ އިތުރުން ޙާފިޡުކަމުގެ ގޮފިން އެންމެ މޮޅު 3 ދަރިވަރަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ތިން ސްކޫލެއް ހޮވުމަށް ހަމަޖެހިފައިވާކަމަށްވެސް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

މި ފަހަރުގެ މުބާރާތުގައި ހިތުންކިޔެވުމުގެ ގޮފިންނާއި ފޮތުން ކިޔެވުމުގެ ގޮފިން 1 އެއްވަނައަށްދާ ދަރިވަރުންނަށާއި މުބާރާތުގެ ޙާފިޡުންގެ ގޮފިން 1 ވަނަ ހޯދާ ދަރިވަރުންގެ  އިތުރުން މުޅި މުބާރާތުން 1 ވަނަ ދަރިވަރަށާއި 1ވަނަ ސްކޫލަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ޢިނާމް ލިބެއެވެ.

މި ފަހަރުގެ ކިޔެވުން ކުރިޔަށްދާނީ ޢަރަބިއްޔާ ސްކޫލްގައެވެ.