ޚަބަރު

ޓީބީ ޖެހިފައިވާ 136 މީހުން މިދިޔަ އަހަރު ރާއްޖެއިން ފެނުނު


ޓީބީ ޖެހިފައިވާ 136 މީހުން މިދިޔަ އަހަރު ރާއްޖެއިން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ޓީބީ ނުވަތަ ޓިއުބަރ ކިއުލޯސިސް ދުވަހާ ގުޅިގެން ޢާންމުކުރި ނޫސް ބަޔާނެއްގައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ_ އެޗްޕީއޭއިން ބުނީ ރާއްޖެއަކީ ޓީބީ ބަލި ޖެހިފައިވާ މީހުން ނިޞްބަތުން މަދު ޤައުމެއް ކަމަށެވެ. އެގޮތުން 1966 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 12247  ( ބާރަހާސް ދުއިސައްތަ ސާޅީސް ހަތް ) މީހަކު ޓީބީ ބަލި ޖެހިގެން ފަރުވާ ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ. އެހެންނަމަވެސް ވޭތުވެދިޔަ ތިން އަހަރުގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުން އަހަރުން އަހަރަށް ރާއްޖެއިން ޓީބީ ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށާއި މިދިޔަ އަހަރު ވެސް ޓީބީ ޖެހިފައިވާ 136 މީހުން ރާއްޖެއިން ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ ޓީބީ ބަލި ޖެހުމުގެ ފުރުޞަތު ބޮޑު އާބާދީ ތަކުގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ ބިދޭސީން ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ބިދޭސީން ޙިއްސާކުރާއިރު މިހާރަށް އައިސް މީގެ ތެރެއިން ގިނަ ބައެއްގެ ގައިން ޓީބީ ބަލި ފެންނަމުންދާ ކަމަށް ނެޝަނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމުގެ ތަފާސް ހިސާބު ތަކުން ދައްކާ ކަމަށް ވެސް އެ އޭޖެންސީން ބުނެއެވެ.

ރާއްޖެއިން ޓީބީ ނައްތާލުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ރާއްޖެއިން ޓީބީ ނައްތާލުމަށް ޢަމާޒު ހިފާ ސަރުކާރުންވަނީ މި ލަނޑުދަނޑި ޙާޞިލުރުމަށް މަސައްކަތްތަކެއް ފަށާފައެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިފްތިތާޙުކޮށްދެއްވި ރާއްޖެއިން ޓީބީ ނައްތާލުމަށް އެކުލާވާލާފައިވާ ޤައުމީ ޕްލޭނެވެ. 

ދިވެހި ރާއްޖެއަކީ މި ޞަރަޙައްދުގައި ޓީބީ ނައްތާލެވިފައިވާ ފުރަތަމަ ޤައުމަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ޓީބީ ނައްތާލުމުގެ ޤައުމީ ކެމްޕެއިން މިހާރުވަނީ ފަށާފައެވެ. ދިވެހިރާއްޖެއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓީބީ ނައްތާލާ ޤައުމަށް ހެދުމަށް ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން ޓީބީ ނައްތާލުމަށް ކަނޑައަޅާ އެކުލަވާލި ޤައުމީ ޕްލޭންގައި މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރާނެ މުހިންމު މަސައްކަތަކާއި ލަނޑުދަނޑިތައްވަނީ ހިމަނާފައިވެއެވެ.

1960 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ޓީބީ ކޮންޓްރޯލް ކުރުމަށް އެކި ފެންވަރުގައި ތަފާތު މަސައްކަތްތަކެއް ސިއްޙީ ދާއިރާއިން ކޮށްފައިވާއިރު މިއަދު ރާއްޖެ ހިމެެނީ ޞަރަޙައްދުގައި ޓީބީ ކޮންޓްރޯލް ކުރުމުގެ ބައިނަލްއަޤުވާމީ ލަނޑުދަނޑިތައް ޙާޞިލްކުރި ފުރަތަމަޤައުމުގެ ގޮތުގައެވެ. ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިމެނޭ ޓީބީ ނައްތާލުމަށް ފެށި ޤައުމީ ކެމްޕެއިންގެ ދަށުން ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ 2022ގެ ކުރިން ރާއްޖެއަކީ މި ޞަރަޙައްދުން ޓީބީ ނައްތާލެވިފައިވާ ފުރަތަމަ ޤައުމަށް ހެދުމަށެވެ.

އަދި މި ކޭމްޕުގައި ޓީބީ ޖެހިފައިވާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދީގެން ފަރުވާ ދިނުމާއި ސްކްރީން ކުރުން ހިމެނެއެވެ. އަދި ޢާންމުން ހޭލުންތެރި ކުރުމަށާއި ރާއްޖެ އިން ބޭރުން އަންނަ މީހުން ކެއްސުން ބައްޔަށް ސްކްރީންކޮށް އެ މީހުންގެ ފަރާތުން ބަލި ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ވެސް ހިމެނެއެވެ. މި ޕްލޭންގެ ދަށުން ޓީބީ އިންޑިކޭޓް ރޭޓް 50 ޕަސެންޓަށް ދަށްކޮށް 2022 އަންނަންވާއިރަށް ޓީބީ ބަލީގައި މަރުވާ މީހުންގެ އަދަދު 2017 އާ އަޅާ ބަލާއިރު 75 ޕަސެންޓަށް ދަށްކުރަން މަސައްކަތް ކުރާނެއެވެ.

ރާއްޖެ އިން ޓީބީ ނައްތާލުމަށްޓަކައި އެކަމަށް 170 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެވެ.