ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ގަދަ 4 ބައިވެރިން ހޮވައިފި


ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ގަދަ ހަތަރު ބައިވެރިން ހޮވައިފިއެވެ.

ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެކެވެ. 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތް ޚާއްޞަކޮށްފައިވަނީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ 16 އަހަރުން މަތީގެ ކުދިންނަށާއި، ޒުވާނުންނަށެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ މިފަހަރުގެ ސީޒަންގައި ފަނޑިޔާރުކަން ކުރަނީ ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަހު ޙިދުމަތް ކޮށްދެއްވާފައިވާ މޫމިނާ އިބްރާހިމާއި، މުހައްމަދު ޒަހީންގެ އިތުރުން ޙަސަން ހަލީމެވެ.

ގަދަ ހަތަރު ބައިވެރިން ހޮވުމަށް ބޭއްވި ބުރުގައި، ގަދަ ހަތަރު ބައިވެރިންގެ ގޮތުގައި ހޮވިފައިވަނީ މުހައްމަދު ޝާމިން، އަބްދުﷲ އަހުޝަމް، ސާޖިދާ އަބްދުލްމަޖީދު، އައިމިނަތު ލިޝާން އަލީއެވެ. ގަދަ ހަތަރަކަށް ހޮވުނު ބައިވެރިން ބުނީ، މުބާރާތުގެ ގަދަ ހަތަރުވަނައަށް އައުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، މުބާރާތުގެ ކުރިއަށްހުރި ބައިތައް ވަރަށް އުދަގޫވާނެކަން ޤަބޫލްކޮށް ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތް ފެށީ އޮޑިޝަންތަކުން ހޮވުނު ގަދަ 10 ބައިވެރިންނާއެކުގައެވެ. ކޮންމެ ހަފްތާއެއްގެ ޝޯވގައިވެސް ބައިވެރިންނަށް ޙާއްޞަ ޓާސްކްތަކެއް ޙަވާލުކުރާއިރު، ކުރިއަށް އޮތް ބުރަށް ދަތުރުކުރާނެ ބައިވެރިން ކަނޑައަޅަނީ ޖަޖުންގެ 60 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ ފަރާތުން ލިބޭ 40 އިންސައްތަ ވޯޓު އެއްކޮށްލުމުން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. އަދި އެންމެ ދަށުން ޕޮއިންޓްލިބޭ ބައިވެރިއަކު މި މުބާރާތާއި ވަކިވާންޖެހޭނެއެވެ. 

މިގޮތުން ކޮންމެ ހަފްތާއަކު އޮންނަ ޝޯވްގައި ބައިވެރިއަކު ވަކިވަމުން ގޮސް އަންނަ ހަފްތާގެ ހުކުރު ދުވަހު ގަދަ ތިނަކަށް ހޮވުނު ބައިވެރިން އިއުލާންކުރާނެއެވެ. މި ބައިވެރިންގެ ހުށަހެޅުންތައް މި ހޮނިހިރު ދުވަހު ގެނެސްދޭއިރު، ޖެހިގެން އަންނަ ހަފްތާގައި ފައިނަލްގައި ވާދަކުރާނެ 3 ބައިވެރިން އިއުލާންކުރާނެއެވެ. އަދި ގްރޭންޑް ފިނާލޭގައި ތިން ބައިވެރިން ގެ ތެރެއިން ބެސްޓް ރޭޑިއޯ ޕްރޒެންޓަރ ހޮވާނެއެވެ.

ރޭޑިއޯ އެހުންތެރިންގެ ފަރާތުން މި މުބާރާތަށް އޮންނަ ތަރުޙީބާއި މަޤްބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ސީޒަނަކަށްފަހު ސީޒަނެއްގައި ބައިވެރިންގެ ހުށައެޅުންތަކާއި، މުބާރާތުގެ ކޮލެޓީ ރަނގަޅުވަމުން އަންނަކަން އެހުންތެރިންގެ އިތުރުން، މި މުބާރާތުގެ ފަނޑިޔާރުންވެސް ފާހަގަކުރާކަން ބޭސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޕްރޮޑަކްޝަން ޓީމުން ހާމަކުރެއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 3 ވަނަ ސީޒަންގެ އެއްވަނަ ޙާސިލުކުރާ ފަރާތަކަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ. މި މުބާރާތުގެ ކުރީގެ 2 ސީޒަނަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު ފަންނުވެރި ޒުވާނުންތަކެއް މިދިޔަ 2 ސީޒަންގައިވެސް ޢަމަލީ މައިދާނަށް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.