ޚަބަރު

ސްކޫލުތައް މިޑް ޓާރމް ބްރޭކަށް ބަންދުވެއްޖެ


ފިލާވާޅުތައް މުޠާލިޔާ ކުރުމަށާ ފުރަތަމަ ޓާރމުގެ އިމްތިޙާނަށް  ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ސްކޫލްތައް މިޑް ޓާރމް ބްރޭކަށް ބަންދުވެއްޖެއެވެ.  އެއްހަފްތާގެ ޗުއްޓީއަކަށްފަހު ދެން ސްކޫލްތައް ހުޅުވާނީ އަންނަ އެޕްރީލްމަހުގެ އެއްވަނަ ދުވަހުއެވެ.

 81000 ދަރިވަރުންނާއެކު  މިއަހަރުގެ ދިރާސީ ކިޔެވުންފެށީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މީގެ ތެރޭގައި މިއަހަރު ޕްރީ ސްކޫލާ އަލަށްގުޅުނު 7600 ދަރިވަރުންނާއި ގްރޭޑް އެކަކަށް ބަދަލުވި 7682 ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުންނަށް ކިޔަވައިދެއްވުމަށް 8500 އަށްވުރެ ގިނަ ޓީޗަރުން މިއަހަރު ޙަރަކާތްތެރިވަމުންދާއިރު ދިވެހި ޓީޗަރުން ނިޞްބަތުން ގިނައެވެ. އެއީ 6500 ދިވެހި ޓީޗަރުންނެވެ.މީގެތެރޭގައި ޕްރީ-ސްކޫލްއަށް ކިޔަވައިދިނުމަށް އަލަށް ގުޅުނު 601 ޓީޗަރުން ހިމެނެއެވެ. ނިޞްބަތުން ބަލާއިރު މިއީ ކޮންމެ 10 ދަރިވަރަކަށް 1 ޓީޗަރެކެވެ. 

ކޮންމެ ދިރާސީ އަހަރެއްގައިވެސް ކިޔަވައިދިނުމަށް ދެ ޓާރމް ކަނޑައަޅާފައިވާއިރު ފިލާވަޅުތައް މުޠާލިޔާ ކުރުމަށާއި އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ޓާރމެއްގައިވެސް މިޑް ޓާރމް ބްރޭކެއްގޮތުގައި އެއް ހަފްތާ ޗުއްޓީ ލިބެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ޓާރމްގެ މިޑް ބްރޭކަށް ސްކޫލްތައް މިހާރު މިވަނީ ބަންދުވެފައެވެ. އެއް ހަފްތާގެ ޗުއްޓީއަށްފަހު ދެން ސްކޫލްތައް ހުޅުވާނީ އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ.

ސްކޫލްތައް މިޑް ބްރޭކަށް ބަންދުވުމުގެ ކުރިން  ހިންގާފައިވާ ޙަރަކާތްތަކުން މިއަހަރު އެންމެ ފާހަގަކޮށްލެވެނީ މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުގައި ދަރިވަރުން ހޯދި ފަޚުރުވެރި ކާމިޔާބު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހިންގި ހަރަކާތްތަކެވެ.  އެގޮތުން އެދަރިވަރުންނަށް މަރުޙަބާ ކިޔުމަށް ސްކޫލް ފެންވަރުގައި ކުރިއަށްގެންދިޔަ ޙަރަކާތްތައް ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުން ޘާނަވީ ތަޢުލީމު ނިންމައި އިމްތިޙާނުތަކުގައި ފަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަތް ދަރިވަރުން ބައިވެރިވެވިއެވެ. މީގެ ތެރެއިން 77 އިން ސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވިއެވެ. މިނަތީޖާއަކީ ތަޢުލީމީ ދާއިރާގައި ޒަމާނުއްސުރެ ޙާޞިލްކުރަން ކަނޑައަޅާފައިވާ 60 އިންސައްތައިގެ ލަނޑުދަނޑިއަށްވުރެ 17 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

މިއަހަަރު ރާއްޖޭގެ ނުވަ ސްކޫލެއްގައި ވަރޗުއަލް ކްލާސް ރޫމްތަކުގައި ކިޔަވައިދޭން ފަށާފައިވާއިރު، ޓީޗަރުން ދުރުގައި ތިބެގެންވެސް ވާރޗުއަލް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޓީޗަރަށް، ދަރިވަރުންނަށް ކުލާހުގައި ކިޔަވައިދެވެއެވެ. ވާރޗުއަލް ކޮށް ކިޔަވައިދިނުމަކީ ރާއްޖޭގެއެކި ކަންކޮޅުތަކުގައި ތިބެގެން ކިޔެވޭނެ ގޮތައް ރޭވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކިޔަވަމުންދާއިރު، ކިޔަވާ ކުދިން ކައިރީގައި އެއްތަނެއްގައި ޓީޗަރުން ނެތްނަމަވެސް، ވާރޗުއަލް ޓެކްނޮލޮޖީގެ ޒަރީއާއިން ދަރިވަރުންނަށް ކިޔަވާދޭ ޓީޗަރުންނާ ވާހަކަދައްކާ ސުވާލުކޮށްހެދޭނެއެވެ.

ސްކޫލްތަކުގައި ކުރިއަށްގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ފަހާގަ ކުރާ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ސްކޫލްތަކުގެ ފެންވަރުގައި ތަފާތު ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތޭރޭގައި އެންމެ ފާހަގަކޮށްލެވެނީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ މާދަރީބަހުގެ ދުވަހުގެ ޙަރަކާތްތަކެވެ. ސްކޫލްތަކުގައި ތަފާތު ޙަރަކާތްތަކެއް ކުރިއަށްގެންދިޔައިރު އެދުވަހު ދަރިވަރުން ސްކޫލަށް ދިޔައީ ޘަޤާފީ ހެދުމުގައެވެ. 

ސްކޫލްތައް މިޑް ޓާމް ބްރޭކަށް ދިޔުމުގެ ކުރިން  މާލޭގެ ސްކޫލްތަކުގައި ހިންގާފައިވާ ބައެއް ކުޅިވަރު ޙަރަކާތްތަކަށް ބަލާއިރު ހައަހަރާއި ފަނަރަ އަހަރުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވޮލީބޯޅައިގެ ތަމްރީނު ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މީގެ އިތުރުން ޓެނިސް މުބާރާތާއި، ގްރޭޑް ހަތަރެއް ފަހެއްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކިޑްސް ފްޓްބޯލް ފިއެސްޓާރ މުބާރާތާއި، އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތްވެސް ވަނީ ބާއްވާފައެވެ. އުމުރުން އަށް އަހަރާއި ފަނަރަ އަހަރުގެ ކުދިންނަށް ޚާއްޞަކޮށްގެން ވޮލީބޯލް ފެސްޓިވަލް ކުރިއަށްގެންދިޔައިރު އިންޓާރ ސްކޫލް ޗެސް މުބާރާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.  މާލޭގެ ސްކޫލްތަކުގެ އިތުރުން ރާއްޖޭގެ އެކި ޞަރަޙައްދުގައި ހުރި ސްކޫލްތަކުގައި ތަފާތު ކުޅިވަރުގެ ޙަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

ސްކޫލްތައް މިޑް ޓާމްއަށް ބަންދުވެފައިވާއިރު ފުރަތަމަ ޓާމުގެ ޓެސްޓު ފެށޭނީ މެއި މަހުގެ 13 ވަނަދުވަހުއެވެ. ޓެސްޓަށް ފަހު  ފުރަތަމަ ޓާމުގެ ބަންދު ވާނީ 7 ޖޫންގައެވެ. އަދި ފުރަތަމަ ޓާމްގެ ބަންދުދުވަސްތައް ފެށޭނީ ޖޫންމަހުގެ 10ން 14 އަށެވެ. ފުރަތަމަ ޓާރމް ނިމި ދެވަނަ ޓަރމް ފެށޭއިރު ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންގެ އަތުގައި ޑެބްލެޓެއް އޮންނާނެއެވެ.