ރިޕޯޓް

މޫސުމާއިބެހޭ ދުވަސް


މިއަދުގެ ދުނިޔޭގައި އެންމެ ކަންބުޑުވުމާއެކު އަޑުއުފުލާ މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ ނުރައްކާތަކުގެ މައްސަލަތަކެވެ. މިމައްސަލާގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކޮންމެ އަހަރެއްގެ މަރޗް މަހުގެ ތޭވީސްވަނަ ދުވަސް ފާހަގަކުރެވެނީ މިކަމުގެ ވާހަކަތައް އެންމެބޮޑަށް ދައްކާ އެއްދުވަހުގެ ގޮތުގައެވެ. އެއީ ދުނިޔޭގައި ފާހަގަކުރާ މޫސުމާއިބެހޭ ދުވަހެވެ. މޫސުމާއިބެހޭ ދުވަސް ފާހަގަކުރުމަށް މިއަހަރަށް ކަަނޑައަޅާފައިވާ ޝިޢާރަކީ "ވެދަރ ރެޑީ- ކްލައިމެޓް ސްމަރޓް" އެވެ. 

މި ޝިއާރުން އަންގައިދެނީ ކުރުމުއްދަތުދައާއި ދިގުމުއްދަތުގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާއެންމެން ހުށިޔާރުވެ ތައްޔާރުވެ ތިބެންޖެހޭކަމެވެ. 

މުޅިދުނިޔެއަށްވެސް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ ނުރައްކާތައް ކަމަށްވާއިރު، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިކަމުގެ ނުރައްކާ ވަކިންބޮޑެވެ. މޫސީ މައްސަލަތަކާމެދު ދުނިޔޭގައި އެންމެބޮޑަށް ވަކާލާތުކުރާ އެއް ޤައުމަށް ދިވެހިރާއްޖޭ ވަނީ މިކަމުގެ ސަބަބުން ނާޒުކު ތިމާވެއްޓެއްގެމައްޗަށް އެކުލެވޭ ރާއްޖެއަށް އޮތް ނުރައްކަލުގެ ބޮޑުކަމުންނެވެ.

ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިންދަނީ ރާއްޖެއަށް ކުރިމަތިވާ މޫސުމާގުޅޭ ކަންކަމުގެ ފުރިހަމަ މަޢުލޫމާތު އާއްމުންނާއި ހަމައަށް ގެނެސްދެމުންނެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި، ބިންހެލުމާއި ބެހޭ ކަންކަމާއި މޫސުމަށް ސަމާލުވެ ތިބުމަށް އަންނަނީ ދުރާލައި އިންޒާރުދީ، މޫސުމީ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.

މޫސުމާއި ބެހޭ ދުވަހާއި ގުޅޭގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކްލައިމެޓޮލޮޖީ ޑރ.ޒާހިދު ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްސަދަކީ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކިޔައިދީ، އެކަންކަން ހުއްޓުވުމަށް މަސައްކަތްކުރުންކަމަށެވެ. ޒާހިދު ވިދާޅުވީ ރާއްޖޭގެ މޫސުން ދެ މޫސުމެއްގެ ގޮތުގައި ބައްޓަން ވެފައިވަނީ ދުނިޔޭގެ ޗާޓުގައި ރާއްޖެއޮތް ސަރަޙައްދުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މޫސުން ބައްޓަން ވެފައިވާގޮތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ފިނިހޫނުމިނާއި، ވާރޭވެހުމުން އަންނަ ގޮތަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. 

" މިހާރަކަށް އައިސް ބައެއް ރަށްތަކަށް ވަރަށް ގިނައިން ވާރޭވެހި އެބަ ވަރަށް ބޮޑަށް ފެންބޮޑުވޭ. މިއީ މޫސުމީ ބަދަލުގެ ސަބަބުން ވާކަމެއް. މީގެ އިތުރުން ވަރަށް ބޮޑަށް ހޫނުގަދަވެ ކަނަޑުގެ ލޮނުގަނަޑުގެ ފިނިހޫނުމިން މައްޗައް ގޮސް، ގައު ހުދުވުމުގެ މައްސަލަ ކުރިމަތިވޭ. މީގެ ސަބަބުން މަސްމަހާމެއްސަށް އޭގެ އަސަރު ވަރަށްބޮޑަށް ކުރޭ. އަދި ހަމަ ކަނަޑުގެ ލޮނުގަނޑު އުފުލުމަށްވެސް މެދުވެރިވޭ." ޑރ.ޒާހިދު ވިދާޅުވިއެވެ. 

މިދާއިރާ އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ވޭތުވެދިޔަ ހަތަރުއަހަރުވަނީ ގިނަ މަސައްކަތްތައް ކޮށްފައެވެ. އެގޮތުން މޫސުން ގޯސްވަމުންދާ މިންވަރު ދެނެގަތުމަށް ޤާއިމުކޮށްފައިވާ ޑޮޕްލަރ ވެދާ ރޭޑަރ މަރާމާތުކޮށް ބޭނުންކުރަން ފެށުމާއި، ކަރަންޓު ކެނޑުމުގެ މައްސަލައެއް ދިމާވެއްޖެނަމަ ބޭނުންކުުމަށް 53 ކިލޯވޮޓްގެ ބެކަޕް ޕަވަރ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

"ޑޮބްލަރ ވެދާ ރޭޑަރ ބޭނުންކޮށްގެ މަޢުލޫމާތު އެބަނެގޭ. ކޮންމެ ތިރީސް މިނެޓަކުން މޫސުމާގުޅޭ ސެޓަލައިޓް ފޮޓޯތައް ލިބޭ. އަދި މީގެއިތިރުން ކުރީގެ މުސުމުގެ ޕެޓަރންތަކަށް ބަލައިގެން މޫސުން ދެނެގަތުމަށް އެބަ މަސައްކަތްކުރެވޭ." ޑރ.ޒާހިދު ވިދާޅުވިއެވެ. 

މީގެއިތުރުން ރާއްޖޭގެ އެކިސަރަޙައްދުތަކުގައި 25 ވެދަރ ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތްވެސް ގެންދަނީ ކުރަމުންނެވެ. މި ސްޓޭޝަންތަކުގެ މަސައްކަތް ނިންމައި އަންނަ ޖުލައިމަހު ބޭނުންކުރަން ފަށާނެކަމަށް މެޓް އޮފީހުން ބުނެއެވެ. ރާއްޖޭގެ މޫސުމާއިބެހޭ އިދާރައަށްވަނީ ވައިގެ ދަރުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެމުންގެންދާ، މޫސުމާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން އައި.އެސް.އޯ ފެންވަރަށް ގެނެސް އެކަމާއި ގުޅޭ ސެޓްފިކެޓް ޙާސިލްކޮށްފައެވެ.