ޚަބަރު

ބޯފެން އުފުލުމާބެހޭ މިންގަނޑު ޢާންމުކޮށްފި


ރައްކާތެރި ގޮތުގައި އެއްތަނުން އަނެއް ތަނަށް ބޯފެން އުފުލުމާއިބެހޭ މިންގަނޑު އާންމުކޮށްފިއެވެ.

މި މިންގަނޑުގައި ވާގޮތުން ފަސްސަތޭކަ ލިޓަރަށްވުރެ މަތިން ފެން ގަނޑުކޮށް ނުވަތަ ވަކިވަކިން އެއްތަނުން އަނެއްތަނަށް އުފުލުމަކީ މާނަކަމެކެވެ. 

މި މިންގަނޑަކީ މައިކްރޮބައޮލޮޖީ އަދި ކެމިކަލް ކޮލިޓީއަށް ފެތޭގޮތަށް ރައްކާތެރިކަމާއި އެކު ބޯފެން ގަނޑުކޮށް އުފުލުމުގައި އަމަލުކުރާނެގޮތް ބަޔާންކުރާ މިންގަނޑެވެ. މި މިންގަނޑުތެރެއިން ރަޖިސްޓްރީކޮށް ލައިސެންސް ކުރެވިފައިވާ ކާރުޚާނާއަކުން އުފައްދާ ބަންދުކުރި ފެން މިމިންގަނޑުން އިސްތިސްނާވާނެކަމަށް މި މިންގަނޑުގައި ބުނެފައިވެއެވެ. މިމިންގަނޑަކީ ރާއްޖޭގައި ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ އަދި މިނިސްޓްރީ އޮފް ހެލްތުން އެންޑޯސް ކޮށްފައިވާ މިންގަޑެކެވެ. މިމިންގަނޑު އެކުލަވާލުމުގައި އަޞްލެއްކަމުގައި ބަލާފައިވާނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ "ގައިޑްލައިން ފޮރ ޑްރިންކިންގް ވޯޓަރ ކޮލިޓީ" އާއި ކޯޑެކްސްގެ "ޖެނެރަލް ޕްރިންސިޕަލްސް އޮފް ފުޑް ހައިޖީން" އަށް ބަލައިގެންނެވެ.

މިމިންގަނޑުން ރެގިއުލޭޓް ކުރާ ފެނަކީ އެހެން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ރެގިއުލޭޓްކުރާ ފެނެއްނަމަ އެޤާނޫނަކަށް ނުވަތަ އެޤަވާއިދާއިއެކު މިމިންގަޑަށްވެސް އަމަލުކުރަންވާނެއެވެ. މިމިންގަނޑަށް އަމަލުކުރަން ފަށާނީ، މިނިސްޓްރީ އޮފް ހެލްތުގެ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެބްސައިޓަށް ލުމަށްފަހު، އެކަން ޢާއްމުކޮށް ޢިއުލާންކުރާތާ 90 ދުވަހުގެތެރޭގައެވެ.

މި މިންގަނޑުގައި ގަނޑުކޮށް ފެން އުފުލުމާއި ރައްކާކުރުމުގެ މިންގަނޑުގެ ބޭނުމަށް ގަނޑުކޮށް ނުވަތަ "ބަލްކް" ކަމަށް ބުނެފައިވަނީ 500 ލީޓަރު ނުވަތަ އެއަށްވުރެ ގިނައިން ބޯފެން އެކައްޗަކަށް އަޅައިގެން، ނުވަތަ ވަކިވަކި އެއްޗެހީގައި 500 ލީޓަރު ނުވަތަ އެއަށް ވުރެ ގިނައިން އެއްފަހަރާ އެއްތަނުން އަނެއްތަނަށް އުފުއްލުމާއި ރައްކާކުރުމަށެވެ. 

ބޯފެން ބޭނުންކުރާ ފަރާތަށް މިމިންގަނޑަށް ފެތޭ ބޯފެން ފޯރުކޮށްދިނުމަކީ ފެން އުފުއްލާ ފަރާތުގެ ޒިންމާއެއްކަމަށް މި މިންގަނޑުގައި ބުނެފައިވެއެވެ. މިގޮތުން ފެން އުފުއްލާ ފަރާތުން ފެން އުފުލުމަށް ބޭނުންކުރާ އުޅަނދަކީ މި މިންގަނޑުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ އުޅަނދަކަށް ވާންވާންޖެހެއެވެ. އަދި ފެން އުފުލުމަށް ބޭނުންކުރާ އުޅަނދަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީގައި ރަޖިސްޓްރީކޮށް ސާފުތާހިރުކަމުގެ ސެޓްފިކެޓް ލިބިފައިވާ އުޅަނދަކަށް ވާންޖެހެއެވެ. ފެން އުފުއްލާ ފަރާތުން އުޅަނދަށް ފެން ބަރުކުރުމާއި ފެން ދޫކުރުމުގެ މަސައްކަތްކުރަންވާނީ މި މިންގަނޑުގައި ބާޔާންކޮށްފައިވާ ގޮތުގެ މަތިން އަދި ފެން ބޭނުންކުރާ ފަރާތްތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި އިތުރު އެއްޗަކަށް އެޅުމުގެ ކުރިން ނުވަތަ ފެން ދޫކުރަން ފެށުމުގެ ކުރިން ފެނުގެ ފެންވަރު ބެލުމަށް ކަމާއިބޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ ތަޙްލީލުތައް ކުރުމަކީ ފެންއުފުލާ ފަރާތުގެ ޒިންމާއެއްކަމަށް މި މިންގަނޑުގައި ބުނެފައިވެއެވެ. 

ފެން އުފުލުމުގައި ހުންނަންޖެހޭނެކަމަށް ބުނާ ޝަރުތުތަކުގެ ތެރޭގައި ފެން ވާންވާނީ ބޯފެނުގެ ރައްކާތެރިކަން ކަށަވަރުކުރާ، ސަރުކާރުގެ ކަމާއިބެހޭ އޮތޯރިޓީން ބަލާ ތަޙްލީލުކޮށް ބޯން ކަމުދާ ފެނެއްކަމުގައި ކަނޑައަޅާފައިވާ ފެނަކަށްވާނެޖެހެއެވެ. އަދި ބޯފެން ގިނަ ދުވަހު ރައްކާ ކޮށްފައި ބަހައްޓާނަމަ ހަފްތާއަކު އެއްފަހަރު ކޮންމެ 1000ލީޓަރަކަށް 1 ގްރާމް ކެލްސިއަމް ހައިޕޯކްލޮރައިޓް އަޅައިގެން ކްލޮރިނޭޓް ކުރަންޖެހޭނެކަމަށް މި މިންގަނޑުގައި ބުނެފައިވެއެވެ. އަދި ކްލޮރިނޭޓް ކުރުމަށްފަހު އޭގެ ވަހާއި ރަހަ ކަނޑުވާލުމަށް 2 ގަޑިއިރު ވަންދެން ބަހައްޓަންވާނެކަމަށްވެސް މި މިންގަނޑުގައި ބުނެފައިވެއެވެ. މި މިންގަނޑުގައި ބޯފެން އުފުލާ އުޅަނދުގައި ފުރިހަމަވާންޖޭ ޝަރުތުތައްވެސް ހިމަނާފައިވެއެވެ. 

އޭގެ ތެރޭގައި ބޯފެން އުފުލާ އުޅަނދަކީ އެކަމަށް ޚާއްޞަ ކޮށް ތައްޔާރުކޮށްފައިވާ އުޅަނދަކަށް ވާންވުމާއި، އުޅަނދު ފަރުމާކޮށްފައި ހުންނަންވާނީ ނުސާފު ފެން، ނަޖިސް ފެން، ތެޔޮ، ގިރިސް އަދި މިނޫންވެސް އުޅަނދުގައި ކޮންމެހެން ގެންގުޅެންޖެހޭފަދަ ބާވަތެއްގެ ސަބަބުން ކޮންޓައިނަރު ނުވަތަ ބޯފެން ތަޣައްޔަރު ނުވާނެ ގޮތަށްކަމަށް މި މިންގަނޑުގައިބުނެފައިވެއެވެ. އަދި އުޅަނދުގައި ކޮންމެހެން ގެންގުޅެންނުޖެހޭ ބާވަތެއްގެ ކެމިކަލް ނުވަތަ މިނޫންވެސް ތަކެއްޗާއި ޖަނަވާރާއި ދޫނި ސޫފާސޫފި ފަދަ ތަކެތި ގެންގުޅެގެން ނުވާނެކަމަށް މި މިންގަނޑުގައި ބުނެފައިވެއެވެ. މީގެ އިތުރުން ކޮންޓައިނަރުގެ އެތެރެ ތައްޔާރުކޮށްފައި ހުންނަންވާނީ އެކަމަށް އެކަށީ ގެންވާ ފުޑް ގްރޭޑެޑް މެޓީރިއަލަކުންކަމަށްވެސް މި މިންގަނޑުގައި ބުނެފައިވެއެވެ.