ސިޔާސީ

ސުޕްރީމް ކޯޓުގެ ބެންޗު 5އަށް ބަދަލުކުރީ ނަޝީދު އަޑީގައި ހުރެގެން


ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރީ ކުރީގެ ރަޢީސް މުޙައްމަދު ނަޝީދު އަޑީގައި ހުރެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. މޫސަ މިހެން ވިދާޅުވީ މިރޭ ޕީއެސްއެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގެ ޢަދަދު ކުރިން އޮތް ޢަދަދުން މިހާރު އޮތް ޢަދަދަށް ބަދަލުކުރަން 2014ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 24ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފުއެވެ. އޭނާ އެ އިޞްލާހު ހުށަހެޅުއްވީ ކޯޓުތަކުގެ ޤާނޫނަށެވެ. އޭރު ޝަރީފު ހުށަހެޅުއްވި އިޞްލާހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރާއިއެކު ތިބެންވާނީ ފަސް މެމްބަރުން ކަމަށެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ނިންމީ 2014ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. އެ ބިލް މަޖިލީހަށް ބަލައިގަތީ 43 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ ދުވަހުގެ ޖަލްސާގައި ބިލާ ދެކޮޅަށް 22 މެމްބަރަކު ވޯޓު ދެއްވިއެވެ.

އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޞްލާހަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ހުރިހާ މެމްބަރުން ތާޢީދުކުރިއެވެ. ނަމަވެސް އެމްޑީޕީގެ މަޖިލިސް މެމްބަރު ހުށަހެޅުއްވި އެ އިޞްލާހަށް ތާޢީދު ނުކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. ބިލު މަޖިލީހަށް ބަލައިގަތުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާޙިމް މުޙައްމަދު ޞޯލިޙް ވިދާޅުވީ ޝަރީފު ހުށަހެޅުއްވި އެ ބިލަށް ތާޢީދު ނުކުރުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ އެޕާޓީގެ ޤައުމީ ހިންގާ ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު ކަމަށް އިބްރާޙިމް މުޙައްމަދު ޞޯލިހް ވިދާޅުވިއެވެ.

ނަމަވެސް އެ ދުވަހުގެ ޖަލްސާގައިވެސް މޫސާ މަނިކު ބިލަށް ތާޢީދު ކުރައްވާ ވާހަކަދައްކަވާފައެވެ. ޕީއެސްއެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ކޯޓުތަކުގެ ޤާނޫނަށް ޝަރީފު ހުށަހެޅުއްވި އިޞްލާހަށް އެމްޑީޕީން ތާޢީދު ނުކޮށް އެ އިޞްލާހު މަޖިލީހުން ބޭރު ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އޭގެ ބަދަލުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވީ މަޖިލީހުގައި ބިލު ބާއްވައިގެން ބިލު ބޭރު ކުރުމަށް ކަމަށް މޫސަ ވިދާޅުވިއެވެ.

"ބަލައިގެންފައި ހަމަ އެ މައްސަލަ ވިތު ޑުރޯ ކުރެއްވީއެއްވެސް ނޫން. އެ މައްސަލަ ހަމަ ކޮމެޓީ މަރުހަލާގައި ވަކި ހިސާބަކަށް ދިޔައިމަ ރައީސް ނަޝީދު މި އަންގަވަނީ ޕާލިމަންޓްރީ ގްރޫޕަށް ހަމަ މިހާރު ތި މައްސަލާގައި ތިމަންނަމެން ބޭނުންވަނީ ރެޑް ޖަހާފައި ބޭރު ކުރަންށޭ. އަޅުގަނޑު ދެންނެވިން މައްސަލަ ވިތު ޑުރޯ ކުރަންވީ ނޫންތޯއޭ. ކީއްކުރަންތޯ މަޖިލީހުގައި ބިލު ބާއްވައިގެން ރެޑް ޖަހައިގެން ބޭރުކުރަންވީ. އެކަމަކު އެކަމެއްވެސް ކުރެއްވީއެއް ނޫން. މައްސަލަ ނެންގެވީއެއް ނޫން،" މޫސާ މަނިކު ވިދާޅުވިއެވެ.



ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލު މަޖިލީހުން ފާސްކުރީ 2014ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. އެ އިޞްލާހު ފާސްކުރީ 46 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ހަމަ އެ އަހަރުގެ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހުއެވެ.