ޚަބަރު

ފުލުހުންނަށް ހުށަހެޅެމުންދާ ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަނީ އިތުރު





 


ފުލުހުންނަށް ހުށަހެޅެމުންދާ ވައްކަމާއި ފޭރުމުގެ މައްސަލަތައް އަނެއްކާވެސް އިތުރުވާންފަށައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.


 
މި އަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ ދެހާސް ހަތްސަތޭކަ ހަތްދިހަ ފަސް މައްސަލަ ފުލުހުންނަށް ހުށައަޅާފައިވެއެވެ. 


   
މިކަމާ ގުޅޭގޮތުން މިއަދު އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް، ޗީޕް ސުޕްރިންޓެންޑެންޓް، އަލީ ޝުޖާއު ވިދާޅުވީ، ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވާން ފަށާފައިވާކަން ފާހަގަކުރެވެންފެށީ މިއަހަރު ފެށުނީއްސުރެ އެބާވަތުގެ މައްސަލަތައް އިތުރުނުވެ ހިފެހެއްޓިފައިހުރުމަށްފަހު ކަމަށެވެ.


 
މީގެތެރެއިންވެސް އެޕާރޓްމެންޓް ތަކުން ކުރާ ވައްކަންތައް އިތުރުވަފައިވާ ކަމަށް ވިދާޅުވިއެވެ.


 
މިކަމާ ގުޅިގެން މިހާރު މާލެއާއި އަތޮޅުތެރޭގައި ފުލުހުން ޚާއްސަ އޮޕަރޭޝަންސް ތަކެއް ފަށާފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. ފުލުހުންގެ މިހަރަކާތުގެތެރެއިން ވެހިކަލް ތައް ޗެކް ކުރުމާއި، ދަންވަރު މަގުމަތީގައި އުޅޭ މީހުން ޗެކްކުރެވެމުންދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. 




 



ކުރިއަށް އޮތީ ވާލްޑް ކަޕްގެ ފޯރި ކަމަށްވުމުން، ވަގުންގެ ހަރަކާތްތައް އިތުރުވެދާނެކަމުގެ ބިރު އޮތްކަން ފާޅުކުރައްވަމުން ޝުޖާއު ވަނީ، އެފުރުސަތު ނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އާއްމުންނަށް އިލްތިމާސް ކުރައްވާފައެވެ.