ޚަބަރު

ޑައުންސިންޑްރޯމް ކުދިންގެ ނިސްބަތް ދަނީ އިތުރުވަމުން!


އުފެދުމުގައި އުނިކަން ހުންނަ ކުދިން ފަހަކަށް އައިސް ރާއްޖެގައިވެސް ދަނީ އިތުރުވަމުންނެވެ. އޭގެތެރެއިންވެސް ޑައުންސިންޑްރޯމް ކުދިންގެ ނިސްބަތް އިތުރުވަމުންދާކަން ތަފާސްހިސަބުތަކުން ދައްކައެވެ. 

މިޢަދަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ޑައުންސިންޑްރޯމް ދުވަހެވެ. މިދުވަސް ފަހަގަކުރަނީ އުފަންވުމުގައި ހުންނަ އުނިކަމެއްކަމުގައިވާ ޑައުންސިންޑްރޯމް ބައްޔާމެދު މީހުން ހޭލުންތެރިކުރުމުގެ މަޤުޞަދުގައެވެ. ޑައުންސިންޑްރޯމަކީ އުފެދުމުގައި ހުންނަ އައިބެކެވެ. ޑައުންސިންޑްރޯމް ޖެހުމަށް މެދުވެރިވަނީ ކްރޮމޮޒޯމަށް ދިމަވާ އުނިކަމެއްގެ ސަބަބުންނެވެ. އާދައިގެ ކުއްޖެއްގެ ހަށިގަނޑުގައި ކޮންމެ ކްރޮމޮޒެމެއްގެ ޖޯޑެއް ހިމެނޭ އިރު ޑައުންސިންޑްރޯމް ހުންނަ ކުއްޖެއްގެ ހަށިގަނޑުގެ އެކާވީސްވަނަ ކްރޮމޮޒޯމްގައި ޖޯޑަކަށްވުރެ އިތުރަށް އެއް ކްރޮމޮޒޯމް އިތުރުވުމުންނެވެ.  

އޭގެ ނަތީޖާއެއްގެ ގޮތުން މިކުދިންގެ ހެދިބޮޑުވުމުގައި ލަސްކަމެއް ހުންނަކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. އެގޮތުން އާދައިގެ ކުދިން ހިނގައިގަންނަ ޢުމުރުގައި މިފަދަ ކުދިން ހިންގައި ނުގަތުމާއި ވާހަކަ ދައްކާ ޢުމުރުގައި ވާހަކަ ނުދެއްކުންފަދަ ކަންކަން މެދުވެރިވެއެވެ. ހަމައެއާއެކު ދަސްކުރުމުގެ ހުނަރުވެސް މިކުދިންގެ ކިބާގައި ދަށްވުމުގެ ސަބަބުން އެހެން ކުދިންނަށްވުރެ އުނގެނުމުގެ ބައިގައި މިކުދިން ދަށްކަން ފާހަގަކުރެވެއެވެ. އެހެން ކުދިންނެކޭ އެއްފަދައިން މިފަދަ ކުދިންނަށްވެސް ހުރިހާކަމެއް ކުރެވޭނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. އެހެން ނަމަވެސް މިކުދިންގެ ހަށިގަނޑުގެ މަސްތައް އެހެން ކުދިންގެ ހަށިގަނޑުގެ މަސްތަކަށްވުރެ ވަރުދެރަވާނެއެވެ. 

ރާއްޖޭގައި ޑައުންސިންޑްރޮމާއި ބެހޭގޮތުން ޢާއްމުން ހޭލުންތެރިކުރުވުމަށް އެންމެ ބޮޑަށް ޖަމްޢިއްޔާއެއްގެ ފެންވަރުގައި މަސައްކަތްކުރަމުންދަނީ ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނުންނެވެ. އެއެސޯސިއޭޝަންގެ ފައުންޑަރ ޢައިޝަތް ޝިފާ ވިދާޅުވީ އުފެދުމުގައި މިފަދަ ކުދިންގެ ހަށިގަނޑުގެ މަސްތައް ވަރުދެރަވުމުގެ ސަބަބުން މިކުދިންނަށް ފަރުވާއެއްގެ ގޮތުގައި ފިޒިއޮތެރަޕީ ދޭން ޖެހޭކަމަށެވެ. އަދި ވަހަކަ ދެއްކުމަށާއި ކިޔަވައި ދިނުމުގައިވެސް ޚާއްޞަ ގޮތްތަކެއް މިކުދިންނަށް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކޮންމެ އަހަރެއްގެ މާޗްމަހުގެ އެކާވީސްވަނަ ދުވަހަކީ ޑައުންސިންޑްރޯމް ހުންނަ ކުދިންނާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވައި އެފަދަ ކުދިންނަކީވެސް މުޖުތަމަޢުގައި މުހިއްމު ބައެއްކަން ބުނެދިނުމުގެ ގޮތުން ބައިނަލްއަޤުވަމި ގޮތުން ފަހަގަކުރާ ދުވަހެކެވެ. 

ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަން ވުޖޫދަށް އައުމާއެކު 2013 އަހަރުންފެށިގެން ރާއްޖޭގައި މިދުވަސް ފާހަގަކުރަން ވަނީ ފަށާފައެވެ. ޚާއްސަ އެހީއަށް ބޭނުންވާ މިފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ އެކުދިންނަށްވެސް މުޖުތަމަޢުގައި ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރާއި ގުޅިގެން އަމިއްލަ ފަރާތްތަކުންދަނީ މަސައްކަތްކުރަމުންނެވެ. މިފަދަ ކުދިންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް އެންމެ މުހިންމު އެއްކަމަކީ މުޖުތަމަޢުގެ އަޅާލުމާއި އެހީތެރިކަމެވެ.