ޚަބަރު

ރިޔާސީ އިންތިހާބުގައި އީވޯޓިން އަކަށް ނުދާނަން - އީސީ


އަންނަ ރިޔާސ އިންތިހާބުގައި އިލެކުޓުރޯނިކް ވޯޓިން ބޭނުންނުކުރާނެކަމުގެ ޔަޤީންކަން އިލެކްޝަން ކޮމިޝަނުން ދީފިއެވެ. 

ރިޔާސީ އިންތިހާބާއި ގުޅިގެން ނޫސްވެރިންނާއި އެކު ބޭއްވި ނުރަސްމީ ބައްދަލުވުމުއްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގައި ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އެންމެ ފަހުގެ ޒަމާނީ ގޮތްތައް ބޭނުންކުރުމުގެ ވިސްނުން އެ ކޮމިޝަނުން އަބަދުވެސް ގެންގުޅޭކަމަށެވެ. އެހެންނަމަވެސް އަންނަ ސެޕްޓެމްބަރު ބާއްވަން ތައްޔާރުވަމުންދާ ރިޔާސީ އިންތިހާބުގައި އިލެކުޓުރޯނިކް ވޯޓިންނަށް ނުދާނެކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފު ވިދާޅުވީ އީވޯޓިންނަށް ދާން ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ.

ޝަރީފު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން އިންތިހާބާއި ބެހޭ ޤާނޫނަށް ގެންނަ ބޭނުންވާ ބައެއް އިސްލާހުތައް  އޭޖީ އޮފީސް މެދުވެރިކުރައްވާ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާކަމަށެވެ. އަދި ޤާނޫނަށް ބައެއް ބަދަލު ގެންނަނީ ދެހާސްތޭރަވަނަ އަހަރު ރިޔާސީ އިންތިހާާބާއި ގުޅިގެން ސުޕުރީމްކޯޓުން ކަނޑައެޅުއްވި ޤައިޑްލައިންތަކާއި އެއްގޮތަށްކަމަށެވެ. އަދި މިދިޔަ އަހަރު އެކޮމިޝަނުން ބޭއްވި މަހާސިންތާގައި ބައިވެރިވި މުވައްސަސާތަކާއި ސިޔާސީ ޕާޓީތަކުން ހުށައެޅި ބައެއް ވިސްނުންތަކާއި ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާބުކުރި ބޭރުގެ އޮބްޒާވަރުން ހުށައެޅި ބައެއް ކަންކަންވެސް ޤާނުނަށް ގެންނަ އިސްލާހުތަކުގައި ހިމަނާފައިވާކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. މިގޮތުން އިންތިހާބުގެ ދުވަސްތަަކާއި އެހެނިހެން ބައެއް ކަންކަން ކޮމިޝަނުން މިހާރު ފާސްކޮށްފައިވާކަމަށްވެސް ކޮމިޝަނުން ބުނެއެވެ.