ޚަބަރު

3 ޒުވާނަކަށް މަހަށް ދިއުމުގެ ފުރުޞަތު!


މަސްވެރިކަމުގައި ހަރަކާތްތެރިނުވާ ތިން ޒުވާނަކަށް މަހަށްގޮސް ޢާމްދަނީ ހޯދުމުގެ ފުރުޞަތު މަސްވެރިކަމަށް މަޝްހޫރު ގެމަނަފުށީގެ ޖަމްޢިއްޔާއަކުން ހުޅުވާލައިފިއެވެ.

މިހާރު ތިން ޒުވާނަކު ހޮވާފައިވާއިރު، މިތިން ޒުވާނުން ހޮވާފައިވަނީ ގެމަނަފުށީ މަސްވެރިންގެ ޖަމްޢިންޔާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ރާއްޖޭގެ ރަށްރަށުގެ ކައުސިލްތަކާގުޅިގެން ކުރި ކެމްޕެއިނަކުންނެވެ. މަހަށްދާން ހޮވި ތިން ޒުވާނުންގެ ނަން ވަރަށް އަވަހަށް އިޢުލާނު ކުރާނެކަމަށް މިކަން އިންތިޒާމްކުރާ ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއިން ބުނެއެވެ. އެމީހުން ގެމަނަފުއްޓަށް ގެންދިއުމާއި، ގެމަނަފުށީގައި ހުރުމާއި ކެއުމުގެ އިތުރުން އަނބުރާ ރަށަށް ފޮނުވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ގެނަމަފުށީ މަސްވެރިންގެ ޖަމްއިއްޔާއިންނެވެ. 

އެއްހަފްތާ ވަންދެން މަހަށްދިއުމުގެ ފުރުޞަތު އޮންނައިރު އެ ހަފްތާގައި އެދޯނީގެ ފަޅުވެރިންނަށް ލިބޭ މިންވަރަށް ފައިސާވެސް އެ ޒުވާނުންނަށް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި ތިން ޒުވާނުން މަހަށް ދިއުމަށް ޚާއްޞަކޮށްފައިވަނީ ގަމަނަފުށީގައި ދުއްވާ އެންމެ ބޮޑު އެއްދޯނިކަމަށްވާ "ގެލަރީ ވިޝަން" އިންނެވެ. ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއިން ބުނީ، މިފަދަ ޙަރަކާތެއް ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ ޒަމާނީ ދޮށީގެ މަސްވެރިކަން ކުރާ ގޮތާއި، މަސްވެރިކަން އަމިއްލައަށް ތަޖުރިބާ ކޮށްލުމާއި، އަދި މަސްވެރިކަމަކީ  ކިހާ ރަނގަޅު ޢާމްދަނީއެއް ލިބޭ މަސައްކަތެއްކަން މަސްވެރިކަމުގައި ހަރަކާތްތެރިނުވާ މީހުންނަށް ދެއްކުންކަމަށެވެ. އަދި މަސްވެރިކަމަށް ޒުވާނުންގެ ލޯބިޖެއްސުމާއި މިދާއިރާށް ޒުވާނުން ނެރުމަށް ބާރުއެޅުމަކީ މިކަމުގެ އެއްމަޤުސަދުކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. ގެމަނަފުށީ މަސްވެރިންގެ ފޭސްބުކް ޕޭޖް ފާހަގަކުރެވިފައިވަނީ މަސްވެރިކަމާގުޅޭ ޚަބަރުތައް ގެނެސްދޭ އެންމެ ޙަރަކާތްތެރި ރާއްޖޭގެ އެއް ޕޭޖްގެ ގޮތުގައެވެ. އަދި މަސްވެރިކަން ކުރިއެރުވުމަށް ތަފާތު އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގާ ޕޭޖެއްގެ ގޮތުގައި މިޕޭޖު ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ފަހުން ފާހަގަކުރި މަސްވެރިންގެ ދުވަހު ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއިން ވަނީ އެރަށުގައި ކުރީގައި މަހަށްދިޔަ އިސް ރަށްވެހިންނަށް މަހަށް ދިއުމުގެ ފުރުޞަތު ދީފައެވެ. މިހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ކުރީ ޒަމާނުގައި މަސްވެރިކަން ކުރި ގޮތާއި މިހާރު މަސްވެރިކަންކުރާ ޒަމާނީ ގޮތްތައް އިސްރަށްވެހިން ޢަމަލީ ގޮތުން ތަޖުރިބާ ކޮށްލުމެވެ. އެދުވަހު މަހަށްގޮސްގެން ލިބުނު ހުރިހާ ފައިސާއެއްވެސް ދީފައިވަނީ އެމީހުންނަށެވެ. މީގެއިތުރުން ދާދި ފަހުން ވަނީ ގެމަނަފުށީގެ އެންމެ މޮޅު ކެޔޮޅު ހޮވުށް ފޭސްބުކުގައި ވަރުގަދަ ކެމްޕެއިނެއްވެސްކޮށްފައެވެ. އެންމެ މޮޅު ކެޔޮޅަށް ހޮވުނު ފަރާތަށްވެސް ވަނީ ފައިސާގެ އިނާމް ދީފައެވެ. މީގެއިތުރުން މަސްވެރިކަމާބެހޭ ރީތި ފޮޓޯއާއި ވީޑިއޯ ގެމަނަފުށީ މަސްވެރިންގެ ޕޭޖުގައި ޙިއްސާ ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި އެރަށު މަސްވެރިންނަށް ލިބޭ އާމްދަނީވެސް މި ޕޭޖުގައި ޚިއްޞާ ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. އެމަޢުލޫމާތު ތަކަކީ ސައްޙަ މަޢުލޫމާތުތަކެއްކަން ގެމަނަފުށީ ކައުންސިލުންވެސް ވަނީ ހާމަކޮށްފައެވެ.