ޚަބަރު

"ހަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކާނަމަ ފިޔަވަޅު އަޅާނަން"


ކުރިމިނަލްކޯޓުގެ ޤާޟީންނާމެދު އާއްމުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ކޯޓުގެ ޙުރުމަތް ކެނޑޭގޮތަށް ވާހަކަދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެކަމުގެ އިންޒާރު އެކޯޓުން ދީފިއެވެ. 

ކުރިމިނަލްކޯޓުން މިހެން ބުނެފައިވަނީ އެކޯޓްގައި މިހާރު ހިގަމުންދާ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ ޝަރީއަތްތަކާ ގުޅިގެން އޭނާގެ ދިފާއީ ވަކީލުން ދައްކާފައިވާ ވާހަތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ. 

ކުރިމިނަލްކޯޯޓުން ނެރުނު ނޫސްބަޔާނުގައި ވަނީ އަބްދުﷲ ސަޢީދުގެ ޝަރީއަތް ކުރިޔަށްގެންދާގޮތާ ގުޅޭގޮތުން ދިފާޢީ ވަކީލުންކުރި ސުވާލުތަކަށް ސާފު ޢިބާރާތުން ޖަވާބުދީފައި ވަނިކޮށް މައްސަލަ ކުރިއަށް ގެންދަނީ މައްސަލަ ބައްލަވާ ޤާޒީ ހިތުހުރިގޮތަކަށްކަމަށް ބުނެ ޢަބްދުﷲ ސަޢީދުގެ ޤާނޫނީ ޓީމުން ދައްކާފައިވާ ވާހަކަތަކަކީ ކަނޑެޅިގެން ދޮގު ވާހަކަތަކެއްކަމަށެވެ. 

ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖީނާއީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރުން ހުއްޓާލާފައި ވީނަމަވެސް ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިޔަށް ގެންދަނީ އެ ޤަރާރުގައި ބަޔާންކޮށްފައިވާ ހުދޫދުގައި މިނިވަން އިންސާފުވެރި ޝަރީއަތެއް ޢަބްދުﷲ ސަޢީދަށް ލިބިގެންވާކަން ޝަރީޢަތަށް ކަށަވަރުވާ ގޮތުގެ މަތިންކަމަށް ކުރިމިނަލްކޯޓްގެ ބަޔާނުގައިވެއެވެ. އަދި ކުއްލި ނުރައްކަލުގެ ޤަރާރުން ހަނިކޮށްފައިވާ ޙައްޤުތައް ޢަބްދުﷲ ސަޢީދުގެ މައްޗަށް ހަނިކުރެވޭނީ އެދަފަ ހައްޤެއް ކޮންމެހެން ހިފަހައްޓަން ޖެހިއްޖެ މިނަވަރަށް ކަމަށާއި ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުނުކޮށްފިނަމަ އެ ޤަރާރުން ހަނިކޮށްފައިވާ ހަނިކުރުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލާދުވަހުން ފެށިގެން ނިމުމަކަށް އަންނާނެކަންވެސް ކުރިމިނަލްކޯޓްގެ ބަޔާނުގައިވެއެވެ. 

މި ހުރިހާ ވާހަކައެއް ޝަރީއަތުން ދިފާޢީ ވަކީލުންނަށް ސާފުކޮށްދީފައިވަނިކޮށް ޢަބްދުﷲ ސަޢީދުގެ ޤާނޫނީ ޓީމުން ފަތުރާފައިވާ ވާހަތަަކީ މުޅީން ހަޤީޤަތާ ޚިލާފު ދޮގު ވާހަތަކެއްކަމަށްވެސް ކުރިމިނަލްކޯތްގެ ބަޔާނުގައިވެއެވެ. އަދި އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާއމެދު ޤާނޫނީ  ފިޔަވަޅު އަޅާނެކަމަުގެ އިންޒާރުވެސް ކުރިމިނަލްކޯޓުން ވަނީ ދީފައެވެ.  

ދައުލަތުން ޢަބްދުﷲ ސަޢީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ވަނީ ފަށާފައެވެ. މި ދަޢުވާއަށް ޖަވާބުދާރިވުމަށް ކޯޓުން ވަނީ ފަސްދުވަހުގެ މުއްދަތެއް ދީފައެވެ. 

ދައުލަތުގެ ދަޢުވާގައި ބުނެފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެކި އިދާރާތަކުން ސުޕްރީމްކޯޓަށް ފޮނުވި ލިޔެކިޔުންތައް އެ ކޯޓަށް ނުލިބޭނެ ގޮތް ހެދުމަށް ސަރުކާރުގެ ލިޔެކިޔުންތައް ފޮނުވާ އިީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް ޖެމްސްގެ ޚިދުމަތް ސްޕްރީމް ކޯޓުން ކަނޑާލާފައިވާކަމަށެވެ. އަދި ސުޕްރީމް ކޯޓުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތަކެއް ފޮނުވުމަށްފަހު އެ މަސައްކަތް ނިމޭއިރަށް ޖެމްސްގެ ޚިދުމަތް ކަނޑާލަން ސުޕްރީމްކޯޓްގެ މުވައްޒަފުންނަށް ޢަބްދުﷲ ސަޢީދު އަންގާފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.