ޚަބަރު

9 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދަނީ


9 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ. 

ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ހައުސިން ޔުނިޓްތައް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ބ.އޭދަފުއްޓާއި ދ.ކުޑަހުވަދޫ އާއި ދ.މީދުއާއި ލ.ގަމާއި ޅ.ނައިފަރާއި ހިންނަވަރާއި ރ.މަޑުއްވަރީ އާއި ސ.ފޭދޫގެ އިތުރުން ށ.ކޮމަންޑޫގައެވެ. މި ރަށްތަކުގައި ހައުސިން ޔުނިޓްތައް އިމާރާތްކުރުމަށް ޝައުގުވެރިވާ ފަރާތަކުން އެތަންތަނުގެ ޑިޒައިންވެސް އެކުލަވާލަންޖެހޭކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. 

ސ.ފޭދޫއާއި، ޅ.ހިންނަވަރާއި ނައިފަރުގެ އިތުރުން ބ.އޭދަފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 100 ހައުސިން ޔުނިޓްއެވެ. ދ.ކުޑަހުވަދޫއާއި، މީދު، ރ.މަޑުއްވަރީ އަދި ށ.ކޮމަންޑޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 50 ހައުސިން ޔުނިޓްއެވެ. ލ.ގަމުގައި އިމާރާތްކުރުމަށް ހަމެޖެހިފައިވަނީ 200 ހައުސިން ޔުނިޓްއެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ ބީލަމެއްގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަންޖެހޭނެކަމަށެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަން ޖެހޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.  ބިޑް ސެކިޔުރިޓީ ހުށައެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.